މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންއައި އައިވަރީ ކޮސްޓްގެ ޑިފެންޑަރ އެރިކް ބެއިލީ ތުރުކީގެ ބެސިކްޓަސް އަށް ބަދަލުވެއްޖެއެވެ.
މިހާރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އެރިކް ޓެން ހާގްގެ ޕްލޭންގައި އުމުރުން 29 އަހަރުގެ ބެއިލީ ނުހިމެނޭތީ ނިމިދިޔަ ސީޒަންގައި ވެސް ލޯން އެއްބަސްވުމެއްގެ ދަށުން އޭނާ ކުޅުނީ ފްރާންސްގެ މާސޭއަށެވެ.
ބެއިލީ ޔުނައިޓެޑާއި ގުޅިފައި ވަނީ 2016 ވަނަ އަހަރު ސްޕެއިންގެ ވިލަރެއާލުންނެވެ. އޭނާ ޔުނައިޓެޑަށް ގެނެސްފައި ވަނީ އޭރު އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯއެވެ.
ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ، ޔުނައިޓެޑަށް 113 މެޗު ކުޅެ އެއް ލަނޑު ޖަހައިދީފައެވެ. ނަމަވެސް އޭނާއަށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ދިމާވި އަނިޔާގެ މައްސަލަތަކެވެ.
ބެއިލީ ޔުނައިޓެޑަށް އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ 2021 ވަނަ އަހަރު ޑިސެމްބަރ މަހުއެވެ. އެ މެޗުން ޔުނައިޓެޑް ވަނީ ބާންލީ އަތުން 3-1 ނަތީޖާއިން މޮޅުވެފައެވެ.
މިއީ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑް ދޫކޮށް ތުރުކީ ލީގަށް ބަދަލުވި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރ ފްރެޑް ވަނީ ތުރުކީގެ ފެނަބާޗޭއަށް ބަދަލުވެފައެވެ. ތުރުކީ ލީގުގެ ޓްރާންސްފާގެ ދޮރު ބަންދުވާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!