ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް އާއެވެ. އެ ކުންފުނިން ވަނީ މި މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ.

Ad
rt

ބިގް ފިޝްއިން ބުނީ މި މަސައްކަތްތައް ކުރިއަށްދާ ހަލުވި މިނަށް ބަލާއިރު، މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަސައްކަތް ނިމޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

މި މަޝްރޫއު ބިގް ފިޝްއަށް ހަވާލުކޮށްފައި ވަނީ މި ދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އެގޮތުން، 43.12 ހެކްޓަރުގެ ބިން ހިއްކައި 3،943 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫއަށް ބޭނުންވާ ޕައިޕްލައިނާއި ފުރަތަމަ ޑްރެޖަރާއި ހެވީ މެޝިނަރީ އެ ރަށަށް ގެންގޮސްފައި ވަނީ މި ދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށް ބިގްފިޝްއިން ބުނެއެވެ. އަދި މި މަހުގެ ތިން ވަނަ ދުވަހު އީއައިއޭ ރިޕޯޓް އީޕީއޭއަށް ހުށަޅައި އީޕީއޭގެ ހުއްދައާ އެކު މަސައްކަތްތައް އިއްޔެ ވަނީ ފަށައިފައެވެ.

ބިގްފިޝް މިމަސައްކަތް ހަވާލުކުރީ 16 މިލިއަން ޑޮލަރަށެވެ.

މި މަސައްކަތްތައް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 550 ދުވަހެވެ.