މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ވަރަށް ޚާއްސަ ކެމްޕެއިން އިވެންޓެއް މާދަމާ (ބުރާސްފަތި) މާލޭގައި އޮންނާނެއެވެ.

"ޒަމާނަކުން އައި ޒަމާނެކޭ" މި ސްލޯގަން އާއި އެކު ސޯޝަލް ސެންޓަރުގައި ކުރިއަށް ދާ މި އިވެންޓް އޮންނާނީ މާދަމާ ރޭ 8:15 ގައި އެވެ.

Ad
rt

މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށް އެޕާޓީން ބުނެއެވެ.

މީގެ ކުރިންވެސް، އެމް.ޑީ.ޕީ ފާހަގަވެގެން ގޮސްފައިވަނީ ހަރުގެ ބައްދަލުވުންތަކާއި، ކަންމަތީ ބައްދަލުވުންތަކާއި، ކެމްޕޭން ޖަގަހަތަކާއި، މިނޫންވެސް ކެމްޕެއިން ކުރުމުގެ ތަފާތު ހަރަކާތްތައް ރާއްޖެއަށް ތަޢާރަފްކުރި ޕާޓީއެއްގެ ގޮތުގަ އެވެ. މާދަމާ ރޭ ބާއްވާ މި ޙަރަކާތަކީވެސް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީއިން އަލަށް ތަޢާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރު ވެގެންދާނެ ނަމްބަރެއްކަމަށް އެޕާޓިން ބުނެއެވެ.

މި އިވެންޓްގައި އެމްޑީޕީއިން ކުރިއަށް އޮތް 5 އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައިކަމަށްވާ އިޤްތިޞާދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެއެވެ. މި އިވެންޓްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ ރަނިންގ މޭޓް މުޙައްމަދު އަސްލަމް އަދި ޕާޓީގެ ކެމްޕެއިން ޓީމްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.