މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ އިރު، ސްޓާފް ކާޑު އަޅައިގެން ހުރުމަށާއި މޫނު ފެންނަ ގޮތަށް ހުންނަން ޖެހޭ ގޮތަށް މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް އިސްލާހު ގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލުގެ 9 ވަނަ މާއްދާގެ (ކ) އަށް ގެނައި އިސްލާހު ގެޒެޓް ކޮށްފައިވާ ކަމަށެވެ.
އެ އިސްލާހުގައި ވަނީ އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން، މޫނު ހާމަކުރުމަށް އެކަށީގެންވާ މާހައުލެއްގައި ކިޔަވައިދޭ އިރު، ދަރިވަރުންގެ ކުރިމަތީގައި ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް ސްޓާފް ކާޑު އަޅައިގެން ކަމަށާއި މޫނު ފެންނަ ގޮތަށް ކަމަށެވެ.
މީގެ އިތުރުން އެ ފަދަ މުވައްޒަފުން ދަރިވަރުންނާ މުއާމަލާތް ކުރާ ހުރިހައި ވަގުތެއްގައި ހުންނަން ވާނީ ސްޓާފް ކާޑު އަޅައިގެން ކަމަށް ވެސް އިސްލާހުގައި ވާއިރު، މި އުސޫލަށް އަމަލު ކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިއު ކުރާ ތާރީހުން ފެށިގެން ކަމަށް ވެސް އުސޫލުގައި ވެއެވެ.
މޫނު ބުރުގާ އަޅާ ޓީޗަރުން މޫނު ދައްކަން ޖެހޭތީ މީގެ ކުރިން ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، އެއްބަޔަކު މޫނު ބުރުގާ އެޅުމަކީ ޓީޗަރުން ތަފާތު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އައީ ބުނަމުންނެވެ. އަނެއް ބަޔަކު ބުނަނީ ކުދިންނަށް ޓީޗަރުގެ މޫނު ނުފެންނަ ނަމަ އެއީ ކާކުކަން ވެސް ދެނެނުގަނެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު މޫނު ފެންނަގޮތަށް ތިބުމަށް ޓީޗަރުންނަށް އަންގާ ސަބަބަކީ ޓީޗަރުންގެ މޫނު މައްޗަށް ގެންނަ ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމުގައި ފަސޭހަވާ ކަމަށް ކަމާބެހޭ މާހިރުން އެއްބަސްވާތީ، ދަރިވަރުން އެ ފުރުސަތުން މަހުރޫމު ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!