ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާއި ސަފާރީ ބަނދަރު ހަދާ ދިޔަނެރު ފަޅު އަދި ތިލަފުށިން ބޭނުންވާ ބިން ހިއްކުމަށް ބަޔަލާ ހަވާލުކޮށްފިއެވެ.

އާބަންކޯއިން މި މަސައްކަތް ހަވާލުކުރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއެވެ. އާބަންކޯ އިން ބުނި ގޮތުގައި ސީއެމްސީ އާ ހަވާލުކޮށްގެން މި ތިން ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފައެވެ.

Ad
rt

ސީއެމްސީ އަކީ ބ. ތުޅާދޫ އެއާޕޯޓާއި ތ. ވިލުފުށި އަދި ށ. ބިލެއްފަހީގެ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެވެ.

އާބަންކޯ އިން ބުނީ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ދިނުމަށް 62.6 ހެކަޓްރު ބިން ހިއްކާނެ ކަމަށެވެ. އަދި ސަފާރީ ބަނދަރު ތަރައްގީކުރުމަށް ދިޔަނެރުން 24.6 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ތިލަފުށި މާސްޓާ ޕްލޭނުގެ ދަށުން ތިލަފުށި ޑީ އޭރިއާއިން 9.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް އާބަންކޯ އިން ބުންޏެވެ. އަދި އެކުންފުނީގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމަށްވެސް ބުންޏެވެ.

މި މަޝްރޫއުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަނީ މާލެ މީހުންނަށް ބޭނުންވާ ގޯތި ދިނުމަށެވެ. އެގޮތުން, ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ޖުމްލަ 6،200 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ހުޅުމާލެއިން 2،200 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.