ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ނ. މާޅެންދޫގައި އިތުރު ބަނދަރެއް ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހަދައިދެއްވާނެކަމަށް ދިވެހި ރައްޔިތުންގ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މާޅެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މަސައްކަތް މިހާރު ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި އިތުރު ބަނދަރެއް ހަދައިދެއްވާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހަދައި، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ރަށުގެ މަގުތައް ހަދައި، ފެން ހިންދާ ނިޒާމް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީން ވެސް ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު މުޅި ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދަން ޕްލޭނެއް އޮތްކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ އެ ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ފެށުމުން މާޅެންދުއަށް ވެސް ހެޔޮ ނަތީޖާއެއް ފެނިގެން ދާނެ ކަމަށެވެ.

ގާތްގަޑަަކަށް 700 މީހުންގެ އާބާދީއެއް އޮންނަ މާޅެންދޫގައި ވާހަކަފުޅު ދައްކަވަމުން ސާލިހު ވަނީ އަންނަ ދައުރަކީ ސިޔާސީ މަގްސަދެއް ހާސިލް ކުރައްވަން ކުރިމަތިލައްވާ ދައުރެއް ނޫން ކަމަށާއި ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ މި ދައުރުގައި އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތްތައް ނިންމެވުމަށް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ މަސައްކަތްތައް ނިމުމުން އަމާން ރާއްޖެއެއް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސާލިހުގެ ނިމިގެން މިދާ ފުރަތަމަ ފަސް އަހަރުގައި މާޅެންދުއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާއިރު، އޭގެތެރޭގައި އެރަށުގައި އައުޓްޑޯ ޖިމް ގާއިމަކާއި ކުޑަކުދިންގެ ޕާކެއް ހަފައި، ވޮލީ ކޯޓެއް އަޅައިދީފައި ވެއެވެ. އަދި އެ ރަށުގެ ސްކޫލް އިމާރާތް ތަރައްގީކޮށް، ފެނާއި ނަރުދަމާ ނިޒާމް ގާއިމުކޮށް ފެނަކައާ ހަވާލުކޮށް އެ ހިދުމަތް އެ ރަށުގެ ރައްޔިތުންނަށް އަންނަނީ ފޯރުކޮށް ދެމުންނެވެ.