ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ ރޭ ލޯންޗުކޮށްފައިވާއިރު، އަހަރަކު 5 މިލިއަން ކޮންޓޭނާގެ ހިދުމަތް ދެވޭ ވަރަށް އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ތަރައްގީ ކުރުމާއެކު މުހިއްމު ވައުދުތަކެއް ބޮޑުތިލަދުންމަތީގެ ސަރަހައްދަށް ހިމަނައިފިއެވެ.

''ޤާސިމް-އަމީން 2023'' މެނިފެސްޓޯ އެކުލަވާލާފައި ވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ. އޭގެތެރެއިން ''ސަރަހައްދީ ތަރައްގީ އާ ހަރުފަތަކަށް'' މި އަސާސްގެ ދަށުން ރާއްޖޭގައި އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްގީއަށް ހާއްސަކޮށްގެން 7 ސަރަޙައްދެއް ޤާއިމު ކުރަން ވަނީ ހިމަނާފައެވެ. މިގޮތުން ބޮޑުތިލަދުންމަތީގެ ތިން އަތޮޅު (ހއ. ހދ. އަދި ށ) ހިމަނާފައި ވަނީ މަތިއުތުރު ސަރަހައްދުގެ ގޮތުގައެވެ.

Ad
rt

މި ސަރަހައްދަށް ހާއްސަ 11 ވައުދެއް މި މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ވައުދުތަކުގެ ތެރޭގައި އަހަރަކު 5 މިލިއަން ކޮންޓޭނާގެ ހިދުމަތް ދެވޭ ވަރަށް އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ހާއްސަ އިގްތިޞާދީ ސަރަހައްދެއްގެ ގޮތުގައި ގާއިމުކުރަން ވަނީ ހިމަނާފައެވެ. އަދި އެ ސަރަހައްދުގައި 6000 ފަތުރުވެރިކަމުގެ އެނދު އުފައްދައި، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު އަހަރަކު 1 މިލިއަން މީހުންނަށް ޚިދުމަތްދެވޭ ތަނަކަށް ހެދުން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މި ސަރަހައްދުގައި އިންޓަނޭޝަނަލް ޝިޕްޔާޑެއް ގާއިމު ކުރުމާއި، ވެއަރ ހައުސިންގެ ޚިދުމަތްތަކާއި، ސޮފްޓް އިންޑަސްޓްރީއާއި، ބަލްކް ބްރޭކިންބްރޭކިން ވިޔަފާރީގެ ހަބެއް ގާއިމު ކުރުމާއި އަދި ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެެއް ގާއިމުކޮށް ދިނުން ހިމެނެއެވެ.

އިތުރު ވައުދުތައް

  • އެކުއާ ކަލްޗަރ ގުޅުންހުރި މަސައްކަތް ''ފަޅު ރޯދި'' ޕްރޮޖެކްޓް (ލަނޑާ، ކަނޑުމަސް، އޯނަރމެންޓަލްފިޝް، ފަދަ މަސްވެރިކަން) ނަމުގައި މި ސަރަހައްދުގައި ހިންގައި ރައްޔިތުންނަށް ސީދާ ނަފާ ހޯދައިދޭނަން
  • ''ކަނޑު ރޯދި ޕްރޮޖެކްޓް'' ނަމުގައި ލެބޯޓަރީ އާއި ޓްރޭނިން ފެސިލިޓީޒް'' މި ސަރަހައްދުގައި ގާއިމުކޮށް މަހުގެ ބާވަތްތައް ދިރުވައި އާލާކޮށްދިނުން
  • އެން އާލާކޮށް މަސްވެރިންނަށް ފަސޭހައިން އެން މި ސަރަހައްދުގައި ''އެން ބާޖެއް'' ބާއްވާނަން
  • ވޮކޭޝަނަލް، ޓެކްނިކަލް ތައުލީމާއި އިންޖިނިއަރިންގެ ރޮނގުން މަތީފެންވަރަށް ކިޔަވައިދޭ ކޮލެޖެއް މި ސަރަހައްދުގައި ގާއިމުކޮށްދިނުން
  • ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް މި ސަރަހައްދުގައި ''ވޮކޭޝަނަލް ސެންޓަރ'' އެއް ގާއިމުކޮށް ދިނުން

''ޤާސިމް-އަމީން 2023'' މެނިފެސްޓޯގެ ''ސަރަހައްދީ ތަރައްގީ އާ ހަރުފަތަކަށް'' މި އަސާސްގެ ދަށުން ރާއްޖޭގައި އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްގީއަށް ހާއްސަކޮށްގެން ގާއިމު ކުރާ އަނެއް 6 ސަރަހައްދަކީ، މަތިދެކުނު (ނ. ރ. އަތޮޅު)، މެދުއުތުރު (މާލެ އަތޮޅު އުތުރުބައި ބ. ޅ. އަތޮޅު)، މެދު (ގްރޭޓާ މާލެ)، މެދު ދެކުނު (މާލެ އަތޮޅު ދެކުނުބައި، އއ. އދ. ވ. މ. ފ. ދ. އަތޮޅު)، މަތިމެދުދެކުނު (ތ. ލ. އަތޮޅު)، މަތިދެކުނު (ގއ. ގދ. ޏ. ސ. އަތޮޅު) އެވެ. މި ސަރަހައްދު ތަކަށް ވެސް މުހިންމު ގިނަ އަދަދެއްގެ ވައުދުތައް މި މެނިފެސްޓޯގައި ހިމަނާފަވެއެވެ.