އެމެރިކާ ރައްޔިތުން އެންމެ ގިނައިން މިއަހަރު ގޫގުލު ކުރި މަންޒިލަކީ ދިވެހި ރާއްޖެ ކަމަށް ގޫގުލްގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ. ގޫގުލްއިން އާއްމުކޮށްފައިވާ "2019 އިން ސާޗް"ގައިވާ ގޮތުން އެމެރިކާގައި މިއަހަރު އެންމެ ގިނައިން ހޯދާފައި ވަނީ ރާއްޖެއަށް ދަތުރު ކުރުމާ ބެހޭ މައުލޫމާތެވެ.
ގޫގުލް އިން ކޮންމެ އަހަރަކު ނެރޭ "އިޔާ އިން ސާޗް" ލިސްޓުން ދައްކާ ގޮތުން އެމެރިކާގައި އެންމެ ގިނަ މީހުން "ޓްރިޕް ޓު" ޖަހައިގެން ގޫގުލްގައި އެންމެ ގިނައިން ސާޗްކޮށްފައި ވަނީ ދިވެހިރާއްޖެ އެވެ.
ގިނަ މީހުން ރާއްޖެއާ ބެހޭ ގޮތުން ބަލާފައި ވަނީ ރާއްޖޭގައި ހަނީމޫން ހޭދަކުރާނެ ގޮތާއި ރާއްޖެއަށް އަންނަ ފްލައިޓްތަކާއި ރާއްޖޭގެ އެކްސްޗޭންޖް ރޭޓާ ގުޅޭ ގޮތުން އެވެ. އެމެރިކާ މީހުން ރާއްޖެއާއި ބެހޭގޮތުން ކުރި ސާޗްތައް އެންމެ ގިނަވީ މިއަހަރުގެ މާޗް މަހުގަ އެވެ.
މި ލިސްޓުން ދައްކާގޮތުގައި ރާއްޖެ އެންމެ ގިނައިން ސާޗް ކޮށްފައިވަނީ އެމެރިކާގެ ޓެކްސަސް އިންނެވެ. މީގެ އިތުރުން ކެލިފޯނިއާ، އިލިނޯއީ، ފްލޮރިޑާ، ނޯތު ކެރޮލައިނާ އަދި ނިއު ޔޯކް ފަދަ ބޮޑެތި ސްޓޭޓްތަކުގައި ވެސް ރާއްޖެ މަގުބޫލެވެ.
ރާއްޖެއަށް ފަހު އެމެރިކާ މީހުން އެންމެ ގިނައިން ގޫގުލްއިން ސާޗްކޮށްފައިވާ މަންޒިލުތަކަކީ ޖަޕާން، ބޯރާ ބޯރާ، ލަސް ވޭގަސް އަދި މެކްސިކޯ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!