ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ކެމްޕޭނަށް ޖޭޕީގެ ޓީމެއް މިއަދު އައްޑޫ ސިޓީއަށް ދަތުރެއް ފަށައިފިއެވެ.
މި ދަތުރު ލީޑު ކުރައްވަނީ ޤާސިމްގެ ސްޕެޝަލް އެންވޯއީ، ރިޔާސީ އިންތިޚާބުގެ ދެކުނު މެނޭޖަރު އިލްހާމް އަޙްމަދާއި، ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒު ރަޝީދު އަދި ޖޭޕީ ކައުންސިލް މެންބަރު މުހައްމަދު ފިރާޤް އެވެ.
މިދަތުރާއި ގުޅޭގޮތުން ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ދަތުރުގައި ބައިވެރިވާ އިތުރު ބޭފުޅުން މިރޭ ޓީމާ ގުޅޭނެ ކަމަށެވެ.
’’އަޅުގަނޑުމެންގެ ކެންޑިޑޭޓް ޤާސިމަށް އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް އަޅުގަނޑުމެން ކެނޑިނޭޅި މިކުރާ މަސައްކަތުގައި އިރާދަކުރެއްވިޔާ މި ދަތުރުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ’’ އިލްހާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުގައި ފަސް ވަރަކަށް ދުވަސް ހޭދަވާނެއެވެ. އަދި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވެސް ދަތުރު ކުރައްވާނެ ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.
މި ދަތުރުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ކްލަބް ޖަމިއްޔާ، ޓީމުތައް އަދި އެކިއެކި ފަރުދުންނާ ބައްދަލުވުންތައް ބާއްވާނެއެވެ.
ޤާސިމްގެ ކެމްޕޭނަށް ޖޭޕީގެ ދެކުނު ޓީމުތައް ހައްދުންމައްޗާއި ހުވަދު އަތޮޅުގެ ދެބުރިއަށް މިހާރު ދަތުރުކޮށްފައިވާއިރު، އެ ޓީމުން ދަނީ މެދުނުކެނޑި ހުޅުމާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ހިންގަމުންނެވެ.
މީގެ އިތުރުން އުތުރު ޓީމުން ވަނީ މާޅޮސް މަޑުލުގެ ދެ ބުރިއަށާއި، މާލެ އަތޮޅާއި އަދި ވެސް އެހެން ބައެއް އަތޮޅު ތަކުގެ ބައެއް ރަށްތަކުގައި ކެމްޕޭން ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!