" ޔަޝްމީވެސް ރަށަށޭ އަންނަންވީ! މަންމަމެން މަސް ކައްކާ ހަދާއިރު ފަސޭހަ ވާނެދޯ އޭނަވެސް މިތާ ހުރިއްޔާ! "
ޝަހާނާ އަނެއްކާވެސް ކުދި ކިޔާ އުސޫލުން ވާހަކަ ދެއްކިއެވެ. ޝަހާނާ އެހެން ބުނުމުން އޭނާ ކޮންމެެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރިކަން ފާއިޒާއަށް އެެނގުނެވެ.
" ކައިވެންޏަށްފަހު އަނބިމީހާ އުޅެން ޖެހޭނީ ފިރިމީހާ ދައްކާ ތާކު.."
ޝާކިރު ތަންކޮޅެއް ހަރުކަށިކޮށް އެހެން ބުނުމާއެކު ޝަހާނާ ކުޑަކޮށް ޖެހިލުންވިއެވެ. އެހެންކަމުން އޭނާ އިތުރަށް އެއްޗެއް ނުބުނެ ކުރަމުން ދިޔަ މަސައްކަތް އަވަސްކޮށްލިއެވެ.
" އަހަރެން މިހުރީ ވަރަށް އުފަލުން.. ޖާވިދް މިހާރު މާލެދާ ޚިޔާލު އެއްކޮށް ދޫކޮށްލައިފި! އޭނާގެ ވަޒީފާ މަތިވެފައި މުސާރަވެސް ބޮޑުވެއްޖެޔޯ.."
ޝާކިރު ހަމަޖެހިލަމުން ފާއިޒާގާތު ބުންޏެވެ. އެވާހަކަ އަޑު އިވިފައި ޝަހާނާއަށް ތުންފިއްތާލެވުނީ އައި ރުޅިންނެވެ.
" އާނ ދެން ވިޔަފާރިއެއް ފަށަންވީ.. މިހާރު ފޯނު ބޫތުވެސް ނަގަނިއްޔޯ! މޯބައިލް ފޯނު ގެންގުޅޭ މީހުން މިރަށުގައިވެސް ވަރަށް އިތުރު ވެއްޖެ.."
ހީލަމުން ފާއިޒާ ބުންޏެވެ. އެވަގުތު ދުރުން އަންނަ ޖާވިދް ފެނި ފާއިޒާގެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. ޖާވިދް އައިގޮތަށް އައިސް ދުމަށްޓަން ބަލައިލިއެވެ.
" މިހާރު އިރުއޮއްސެނީއެއްނު.. ދުމަށިމަތިން ސަތަރި އަޅާފައި ރަނގަޅަށް ބަންދުކޮށްލަން ވާނެ. އެހެން ނޫނީ ބުޅާ ކާނެ"
ޖާވިދް އެހެން ބުނުމުން ޝާކިރުވެސް އަވަސްވެގަތީ އެކަމާއެވެ. ޖާވިދް ހިނގައިގަންނަމުން ޝަހާނާއަށް ބަލައިލި އިރު އޭނާގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޖާވިދަށް އެނގުނެވެ. އެހެންކަމުން އަޅައިވެސްނުލާ އޭނާ ޝާކިރުގެ ފަހަަތުން ދިޔައީ ގުދަނާއި ދިމާލަށެވެ.
***
ލައިގެން ހުރި ވެޑިންގ ޑްރެސްއާ އެކު ޔަޝްމީ އިށީނީ ސޯފާގައެވެ. ފަހަތުން އައިސް ހާރޫންވެސް ސޯފާގެ އެއްކޮޅުގައި އިށީނދެ ކަކުލުގައި އުޅަނބޮށި ވިއްދާލުމަށްފަހު ބޮލުގައި އަތް ޖައްސާލައިގެން އިނީ އިސްޖަހައިގެންނެވެ. އެމަންޒަރު ބަލަން އިން ޔަޝްމީގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސްވަމުން ދިޔައެވެ.
" އަހަރެން ނުބުނަންދޯ މިހާ ބޮޑު ވެޑިންއެއް ބާއްވައި ދުނިޔޭގައި ލެއްވިހާ މީހަކަށް އަހަރެން އިޝްތިހާރު ކުރާކަށެއް"
ރުޅި އައިސް އިނދެ ޔަޝްމީ އެހެން ބުނުމުން ހާރުން ޔަޝްމީގެ މޫނަށް ބަލައިލިއެވެ. އަދި ލުއި ގޮތަކަށް ހީލަމުން ބުންޏެވެ.
" މިއީ ޙަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސް! މިހާ ދުވަސްވީ އިރުގައިވެސް ކައިވެނި ނުކޮށް މަޑުކޮށްގެން މިހުރީ ލޯބިވާ ކުއްޖަކު ނުފެނިގެން.. އަހަރެން ލޯބިވާ ކުއްޖަކު ނެތީމަ.! އެކަމަކު ޔަޝްމީދެކެ އަހަންނަށް ލޯބިވެވުނީ އިންތިހާއަށް! ޔަޝްމީއަށްޓަކައި އަހަރެން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ.."
ހާރޫން ވާހަކަ ދައްކަމުން ދިޔައިރު ޔަޝްމީ އިނީ ދުރަށް ބަލަހައްޓައިގެންނެވެ. އޭނާ ވާހަކަ ދައްކާ ނިމުމުން ޔަޝްމީ ހާރޫންއަށް ބަލައިލީ މަލާމާތުގެ ގޮތަކަށެވެ.
" ތިއީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް.."
ޔަޝްމީގެ ފުރަތަމަ ޖުމްލައިންވެސް ހާރޫންގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލުނެވެ.
" ތިމާ ލޯބިވާ މީހާއާ ކައިވެނި ކުރަން ނިންމި އިރު އަނެކާ އާއިމެދު ކުޑަކޮށްވެސް ވިސްނާލިންތަ؟ ފާޅުގައި އަހަރެން އިންކާރު ކުރަމުން ދިޔައިރުގައިވެސް އަހަރެން ތިގެނައީ ގަދަކަމުން.. މިއީ ކިތަންމެ ރީތި، ކިތަންމެ މުއްސަނދި ގަނޑުވަރަކަށްވިޔަސް މިތަނުން އަހަންނަށް ލިބޭނެ އެއްވެސް އުފާވެރިކަމެއް ނެތޭ ހާރޫން.. ހާރޫންގެ އުފަލަށްޓަކައި އަހަރެންގެ މުޅި ދިރިއުޅުން މުޅި ޙަޔާތް މިޖެހުނީ ފުނޑުފުނޑުކޮށްލަން... އަހަރެން ކައިވެނި މިކުރީ ލޯބިވެގެންނެއްނޫނޭ.. މަންމައާ ބައްޕަގެ އުފަލަށްޓަކައި މަޖުބޫރުވެގެން"
އެއް ނޭވާއިން ވާހަކަ ދައްކައި ނިންމާލި އިރު ޔަޝްމީ ހުރީ ވަރުބަލި ވެފައެވެ. އޭނާގެ ވާހަކަތައް އަޑުއަހަން އިން ހާރޫން އަނެއްކާވެސް ހީލިއެވެ. އަދި އިސްޖަހާލަމުން ބުނެލިއެވެ.
" ތިކަން ބަދަލު ވާކަށް މާ ގިނަ ވަގުތެއް ނުނަގާނެ އިންޝާﷲ "
ހާރޫން އެހެން ބުނުމުން ޔަޝްމީގާތަށް އިތުރަށް ރުޅިއައެވެ.
" އަދިވެސް ހާދަ އުއްމީދެކޭ ތިޔަ ކުރަނީ؟ އަހަރެން ކަލޭދެކެ ވަރަށް ފޫހިވޭ! ވަރަށް ވަރަށް ވަރަށް ފޫހިވޭ.. އަހަރެން ތި ސޫރައަށްވެސް ނަފްރަތު ކުރަން.. ކަލޭ އަަހަންނާ އަނގައިން ބުނާ އަޑު އިވުނަސް އަހަރެންގެ ދެކަންފަތަށް އުނދަގޫވޭ.. އަހަންނާ ދިމާލަށް ބަލައިލިޔަސް އަހަރެންގެ ރުޅިވެރިކަން އިންތިހާ ދަރަޖައަށް މައްޗަށްދޭ! މިގޮތަށް މި ގަނޑުވަރުގެ ތެރޭގައި ރާނީއެއްގެ ލަޤަބު ދީފައި ކިތަންމެ ގިނަ ދުވަހެއް ވަންދެން އަހަރެން ބޭންދިޔަސް އަހަރެންގެ ފުށުން ކަލެއަށް ލިބޭނެ އެއްވެސް އުފަލެއް، އަރާމެއް އަދި ހިތްހަމަޖެހުމެއްވެސް ނޯންނާނެ! އެކަން ހަނދާން ކުރާތި! މިގޮތަށް އުޅެން ބޭނުން ނުވަންޏާ އަހަރެން މިނިވަންކޮށްފަ ރަށަށް ފޮނުވާލާ! "
ހާރޫންގެ ދެލޮލުން އޭރު ކޮންމެވެސް ވަރަކަށް ކަރުނައިގެ ވިދުން ޔަޝްމީއަށް ފެނުނެވެ. ހާރޫންއަށް އިސްޖަހާލުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ހާރޫން ރައްދެއް ނުދިނުމުން ޔަޝްމީ ފުންމައިގެން ތެދުވީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ.
" ޔަޝްމީ! "
ޔަޝްމީ ތެދުވުމާއެކު ހާރޫން ގޮވާލީ އަސަރުން ފުރިގެންވާ އަޑަކުންނެވެ. އެހިނދު ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފެންނަމުންދަނީ ނުތަނަވަސްކަމެވެ.
" އަހަރެންދެކެ ލޯބި ނުވިޔަސް އަހަންނަކީ މިހާރު ޔަޝްމީގެ ފިރިމީހާ! ފިރިއެއްގެ ޙައިޞިއްޔަތުން އަހަންނާމެދު ނުދެކުނަސް.... މިރޭ އަހަރެން ބޭޒާރުކޮށްނުލާ! އަހަރެމެންނަށްޓަކައި އެ ރިސޯޓުގައި އެތައް ކަމެއް ރޭވިފައި އޮންނާނެ! އެތައް ބަޔަކު އަހަރެމެންނަށް އިންތިޒާރު ކުރާނެ.. މި ނޫން އެއްވެސް ކަމަކު އަހަރެން ޔަޝްމީގާތު ނޭދޭނަން.. ޕްލީޒް.. އަހަންނާއެކު ދާން ހިނގާ! ޕްލީޒް..."
ހާރޫންގެ އަޑުވެސް ދިޔައީ ކެނޑިކެނޑިގެންނެވެ. އެހެންކަމުން ޔަޝްމީ އިރުކޮޅަކު ވިސްނާލިއެވެ. ކުރިން އޭނާގެ ހިތަކީ އެހާ ހަރު ހިތެއް ނޫނެވެ. އެއީ އެހެން މީހުންނާއިމެދު ނުވިސްނާ މީހެއްވެސް ނޫނެވެ. މިއަދާ ޖެހެންދެންވެސް ޔަޝްމީއަށް އެނގެނީ ޔަޝްމީގެ މަޑުމައިތިރިކަމާއި ހިތްހެޔޮކަމުގެ ސިފައެވެ. މީގެ ކުރިން އޭނާއަކީ ދުވަހަކުވެސް އެއްވެސް މީހަކާ ހަރުއަޑުން ވާހަކަ ދެއްކި މީހެއް ނޫނެވެ. ކުރުވި މަޖުބޫރަކުން މުޅި މީހާ ބަދަލު ވެއްޖެ ކަމުގެ އިޙްސާސް އޭރުވެސް އޭނާއަށް ކުރެވެމުން ދިޔައެވެ.
" ޕްލީޒް..."
ދެބުމަ ހިއްލާލަމުން އަނެއްކާވެސް ހާރޫން ބުނެލިއެވެ. ހާރޫންގެ ވާހަކަތައް އަޑުއެހުމަށްފަހު ޔަޝްމީ ފުން ނޭވާއެއް ދޫކޮށްލިއެވެ.
" އެންމެ ރަނގަޅު! އަހަރެން ހިނގައިދާނަން.. އެކަމަކު ހަނދާން ކުރައްޗޭ އަހަރެން މިދަނީ ހަމައެކަނި ހާރޫން ލަދުން ސަލާމަތް ކުރަންކަން.. އެއްވެސް ޙާލެއްގައި އަހަންނަކީ އަނބިމީހާވެގެން، މީހުންނަށް ދައްކަންވެސް އަހަރެންގެ ގައިގައި އަތް ނުލާތި.. "
ޔަޝްމީ އެހެން ބުނުމުން ހާރޫން ސޯފާއިން ތެދުވިއެވެ. އަދި ކުޑަކުއްޖެއް ފަދައިން ބޯޖަހާލިއެވެ.
" އަހަރެން މިދަނީ މި ހެދުންގަނޑު ބާލަންވެގެން..."
ހެދުމުގެ ފަސްބައިގައި ހިފަމުން ޔަޝްމީ ބުންޏެވެ.
" ޗޭންޖް ކުރާނެ ކަމެއްނެތް... ތި ހެދުމުގައި ދާންވާނީ. ބައިވަރު މީހުންވެސް ތިބޭނެ.. އަހަރެން ބޭނުންވަނީ މިއަދު ދަރުބާރުގެއަށް ވަދެގެން އައި އިރު ޔަޝްމީގެ މޫނުމަތިން ފެނުނު އުޖާލާކަން ފެންނަން.."
ހާރޫން އެހެން ބުނުމުން ޔަަޝްމީ ޖަހާލީ ހިނިގަނޑެކެވެ. އަދި ދެއަތް އުރާލަމުން އޭނާ ނިކަން ރަނގަޅަށް ހާރޫންއަށް ބަލައިލިއެވެ.
" ހާރޫން ތިޔަ ހީކުރީ ކީކޭ ކަމަށްތަ؟ އަހަރެން ހެވިފައި ހުރީ ހާރޫންއާ ކައިވެނި ކުރެވޭތީކަމަށްތަ ހީކުރީ؟ "
ޔަޝްމީ މަލާމާތުގެ ރާގަކަށް އެހެން ބުނުމަށްފަހު އަނެއްކާވެސް ހީލިއެވެ.
" އަހަންނަކީ މީގެ ކުރިން ދުވަހަކުވެސް މިހާ ރީތިވި މީހެއްނޫން.. މޭކަޕް މިކުރީވެސް އަލަށް! މިއީ މިހާ ރީތިކޮށް ހެދުން އެޅި ފުރަތަމަ ފަހަރު.. ދެން އަހަންނަށް އަހަރެންގެ ރީތިކަން އިޙްސާސްކުރެވުނީމަ ވަރަށް އުފާވި.. އެތަނަށް ވަދެވެންދެން ވެސް އަހަންނަށް ހިނިތުންވެވިފައި ހުރެވުނީ އެހެންވެގެން.. ރެޑީކުރަން އައި އެންމެންވެސް ވަރަށް ގިނަ ފަހަރު ބުނި އަހަންނަކީ ހާދަ ރީތި ކުއްޖެކޭ! "
ޔަޝްމީ ފަޚްރުވެރިވެލާފައި ވާހަކަ ދައްކަމުން ދިޔައިރުވެސް ހާރޫން އިނީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
" ތެދެއް އެބުނީ! އަހަންނަށްވެސް ވަރަށް ރީތި..."
ހާރޫން އެހެން ބުނުމުންވެސް ޔަޝްމީ އިތުރަށް ތުއިވެލިއެވެ.
" މަޣްރިބް ނަމާދުކޮށްގެން ދާނީ! ނަމާދުކޮށްގެން ޔަޝްމީ ރެޑީވެލަންވާނެ.. ތިހެދުން ލައިގެން ދާންވާނީ! އިރުކޮޅަކުން އަންނާނެ ސެލޫން ކުއްޖަކުވެސް..."
ހާރޫން އެހެން ބުނުމަށްފަހު އޭނާގެ ޑްރައިވަރަކަށް ގުޅިއެވެ.
***
ޖާވިދް ބޭރަށް ނިކުމެލީ ގޭތެރެއިން ޝަހާނާ ފެންނަން ނެތުމުންނެވެ. ގެއިން ނިކުތުމާއެކު ބޭރު ޖޯލިފަތީގައި އޮތް ޝަހާނާ އޭނާއަސް ފެނުނެވެ. އެހެންކަމުން ހެވިފައި ހުރެ އޭނާވެސް އައިސް ޖޯލީގައި އޮށޯތެވެ.
" ކީއްވެ ފެންވަރަން ނުގޮސް ތިޔަ އޮތީ؟ މިހާރު ބަންގި ގޮވަން އުޅޭނެ! މިގަޑީގައި ގަސްދޮށުގައި އޮންނާކަށްވެސް ނުވާނެއެއްނު.."
ލޯތްބާއެކު ޖާވިދް އެހެން ބުނެލި ނަމަވެސް ޝަހާނާގެ މޫނުމަތިން އަދިވެސް ފެންނަނީ ހިތްހަމަ ނުޖެހުމެވެ.
" އަހަރެން މިއޮތީ ވަރުބަލިވެފައި! ތެދުވާނެ ހިތްވަރެއްވެސް ނެތް. ރެއިއްސުރެ އަހަރެން މި ތެޅި ބާލަނީ މިކަމެއްގައި.."
ވަރުބަލި ކަމާއެކު ޝަހާނާ ބުންޏެވެ.
" އަހަންނަށް އެނގެޔޭ! އަހަރެން ވަރަށް އުފާވެސްވި ޝަހާ އަހަރެންގެ މަންމައަށް އެހީވެދިނީމަ.."
ޖާވިދް މަސައްކަތްކުރީ ޝަހާނާގެ އަތުގައި ހިފާލެވޭތޯއެވެ. ނަމަވެސް ޝަހާނާ އަތް ދަމައިގަންނަމުން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
" ކިހިނެއްވީ؟ އަހަރެން ދެކެ ރުޅި އައިސްފައިތަ އަދިވެސް؟ ޝަހާ ތިހެން ރުޅި މޫނު ހެދީމަ އަހަރެން ވަރަށް ދެރަވެޔޭ"
ޖާވިދް ގަދަކަމުން ޝަހާނާގެ އަތުގައި ހިފާ ފިތާލިއެވެ. އެވަގުތު ޝަހާނާ ޖާވިދަށް ބަލައިލީ މާޔޫސްކަމާއެކުއެވެ.
" ޖާވިދް ހީކުރީ ލޯބިވެގެން ކައިވެނިކޮށްލެވުނީމަ ނިމުނީ ކަމަށްތަ؟ އަނބިމީހާ އުފާކޮށްލަދޭން އެއްވެސް ކަމެއް ކުރާކަށް ޖާވިދަކަށް ނޭނގެއެއްނު! އަހަންނަކީ އަބަދުވެސް ފޮނިފޮނި އުއްމީދުތައް ކުރާމީހެއް. އަހަންނަށް ހީވަނީ ކަންކަމުގައި މާބޮޑަށް އުއްމީދު ކުރެވޭތީހެން މިހެން މިވަނީ.. "
ޝަހާނާގެ ވާހަކަ އަޑުއަހަން އިން ޖާވިދް ހިނިތުންވެލަމުން ބޯ ހޫރާލިއެވެ.
" އުއްމީދުކުރޭ އުއްމީދު ކުރޭ! އަދި ކޮންމެވެސް ދުވަހަކުން ޝަހާގެ ހުރިހާ ހުވަފެންތަކެއް ކާމިޔާބުވާނެ"
ޖާވިދް އެހެން ބުނުމާއެކު ޝަހާނާ ޖާވިދްގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ.
" ދުވަހަކުވެސް ކާމިޔާބެއް ނުވާނެކަންނޭނގެ! އިނދެގެން ގެނެސް މިގެއަކަށް ވެއްދި ގޮތަށް އަހަރެން މި އިންނަނީ މިގޭގަ! ދެމީހުންގެ އުފަލަށް ކޮށްލާނެ އެއްވެސް ކަމެއް ޖާވިދަކަށް ނޭނގެ"
ޝަހާނާ ދެރަވެލާފައި ބުންޏެވެ. ޖާވިދް އިސްޖަހާލަމުން ޝަހާނާ ދެއްކި ވާހަކަތަކާއިމެދު ފުންކޮށް ވިސްނާލިއެވެ. އޭރުވެސް ޝަހާނާ އިނީ އަނެއް ފަރާތަށް އެނބުރިގެންނެވެ.
" ދޭބަލަ ފެންވަރާލަައިން ނަމާދުކޮށްލަން.. ޝަހާ ދެރަނުވެބަލަ! އަހަރެން ތިކަންކަމާމެދު ވިސްނާނަމޭ.."
ޖާވިދް ބުންޏެވެ.
" ތިހެން ބުނެލީމަ އެ ނިމުނީ.. އަބަދުވެސް ވިސްނާނެ! އެކަމަކު ދުވަހަކު ބުނާ ކަމެއް ކޮށެއް ނުދެވޭނެ"
ބާރުބާރަށް އެހެން ބުނުމަށްފަހު ޝަހާނާ ފުންމައިގެން ތެދުވިއެވެ. އަދި ޖާވިދަށް ބެލުމެއްނެތި ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
***
ރިސޯޓްގެ ފާލަމަށް ޔަޝްމީއާ ހާރޫން ފޭބުމާއެކު ބެރުގެ އަޑު އިވެން ފެށިއެވެ. މަރުޙަބާގެ ލަވަޔާއެކު އެމީހުން ހިނގަމުން ދިޔައެވެ. ދެތިން އަންހެން މުވައްޒަފުން އައިސް ޔަޝްމީގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ތިބުމުން ޔަޝްމީއަށް ލިބުނީ ހައިރާންކަމެވެ. ރަށުތެރެއަށް ފައިބައި ތަންކޮޅަކަށް ހިނގާލުމާއެކު ކުލަބޮކިން ޒީނަތްތެރިކޮށްފައި އޮތް ބަގީއެއް އަތުވެއްޖެއެވެ.
" ގުޑް އިވްނިންގ ސަރ.. ގުޑް އިވްނިންގ މެޑަމް! "
ބަގީގެ ޑްރައިވަރ ހިނިތުންވެލަމުން ބުނެލިއެވެ. ޔަޝްމީ އިނީ ރިސޯޓްގެ ރީތިކަން ފެނި އަނގަ ހުޅުވިފައެވެ. އޭނާއަށް ވަށައިގެން ބެލެނީއެވެ. ހެވިފައި އިނދެއެވެ. ފަނޑު އަލީގެ ތެރެއިން ފެންނަމުންދާ ޔަޝްމީގެ ހިތްގައިމު މޫނަށް ބަލަން ހާރޫންއަށް އިނދެވުނީ ނުހަނު ހިތްހަމަ ޖެހިފައެވެ. މަޑު ދުވެއްޔެއްގައި ދުއްވާފައި ދިޔަ ބަގީ މަޑުކޮށްލުމާއެކު ޔަޝްމީ ކުރިއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޮލާއެކު އަނގަވެސް ތަންމިނަށް ހުޅުވިގެން ދިޔައެވެ. ބަގީ ހުއްޓާލުމާއެކު އެ ސަރަހައްދުގައި ތިބި އަންހެން މުވައްޒަފުން ތަކެއް އައިސް ޔަޝްމީގެ ހެދުމަށް ސަމާލުވެއްޖެއެވެ. ބަގީން ފޭބުމަށްފަހު ޔަޝްމީ ހުއްޓި ހުރީ އަނގަމަތީގައި ދެއަތް އަޅައިގެންނެވެ. ކުރިމަތިން ފެންނަ ރީތި މަންޒަރަކީ ހަމަ ޙަޤީޤަތެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ދޮންވެލި ބޮޑު ތުނޑީގެ ދެފަރާތުން މަޑު އޮއިވަރެއްގައި ރާޅު ބީއްސަމުންދެއެވެ. ފަސްގަނޑުގެ ދެފަރާތުގައި ވަނީ އަލިފާން ހުޅު ޖަހާފައެވެ. އަދި މެދުގައި ހުރީ ރަތްކުލައިން ބޮޑު ހިތެއް ހަދައި ދިއްލާލައިފައެވެ. އަދި އެދެމީހުންނަށްޓަކައި މޭޒެއް ތައްޔާރުކޮށްފައި ހުއްޓެވެ. ހާރޫން ކަޅި ޖަހައިނުލާ ޔަޝްމީއަށް ބަލަހައްޓައިގެން ހުރެ އެދިމާލަށް ދާން އެދުނެވެ. އުފަލުން ހެމުން ޔަޝްމީ ދިޔައީ ވަށައިގެން ބަލަމުންނެވެ.
މޭޒުގައި އަތުރާލައިފައިވާ ކާއެއްޗެއްސަށް ބަލަހައްޓައިގެން ހުއްޓާ، އޭނާ އިށީނުމަށްޓަކައި ފަހަތުން އައިސް ހާރޫން ގޮނޑި ދަމާލިއެވެ. ޔަޝްމީ ފަހަތް ބަލައިލުމަށްފަހު އިށީން އިރުވެސް އޭނާގެ ތުންފަތުގައިވަނީ ހިނިތުންވުމެވެ.
" ލަވް ޔޫ ވައިފް"
ޔަޝްމީއަށް މަޑުމަޑުން ކިޔާލެވުނީ މޭޒުމަތީގައި އޮތް ކޭކްގައި ލިޔެފައި އޮތް ޢިބާރާތްކޮޅެއެވެ. އޭރު ހާރޫން ގޮސް އޭނާގެ ކުރިމަތީގައި އިށީނެވެ. ޔަޝްމީ ބޮޑަށް މަސައްކަތްކުރީ ހާރޫންގެ މޫނަށް ނުބަލާ ވޭތޯއެވެ. އެހެންކަމުން އޭނާ އިނީ ކުޑަކޮށް އިސްޖަހާލައިގެންނެވެ. އޭރުވެސް ޔަޝްމީގެ ދެފަރާތުގައި އަންހެން ދެ މުވައްޒަފުން ތިއްބެވެ. ހާރޫން އަތުގެ އިޝާރާތުން އެމީހުންގާތު ދިޔުމަށް އެންގިތަން ފެނި ޔަޝްމީއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ.
" އެމީހުން އެ ދިޔައީ ކީއްވެ؟ "
އެކުދިންނަށް ބަލަން އިނދެ ޔަޝްމީ ބުނެލިއެވެ.
" ޕްރައިވެޓް ޑިނަރ ތަކުގައި މުވައްޒަފުންނެއް ނުތިބޭނެދޯ! "
ހާރޫން ދިނީ ކުރު ޖަވާބެކެވެ.
" ކާން ފަށަން ވީނު،،"
ހާރޫން އެދުނެވެ. ޔަޝްމީ އިނީ ވަރަށް ބޮޑަށް ކާހިތްވެސް ވެފައެވެ. ކާއެއްޗެއްސަށް ބަލަހައްޓައިގެން އިންދާ، ހާރޫން އޭނާއާ ދިމާލަށް އަތް ދިއްކޮށްގެން އިންހެން ހީވިއެވެ. ނުސީދާ ގޮތަކަށް ޔަޝްމީ ބަލައިލި އިރު ހާރޫން އިނީ އޭނާއަށް އަނގޮއްޓިއެއް ދިއްކޮށްގެންނެވެ. އޭގެ ވިދުން ފެނި ޔަޝްމީ އާޝޯހްވެގެން ދިޔައެވެ.
" ތިއީ އަހަންނަށް ލިބުނު އަގުބޮޑު ޖަވާހިރެއް... ޖަވާހިރަކަށް ބޭނުންވާނީވެސް ޑައިމަންޑް ރިންގެއްނުދޯ! "
ހެވިފައި އިނދެ ހާރޫން އެހެން ބުނުމުން ޔަޝްމީއަށް އަނެއްކާވެސް ބަލައިލެވުނީ އަނގޮއްޓިއަށެވެ. އެވަގުތު އަތް ދޭށޭ ބުނާފަދަ ގޮތަކަށް ހާރޫން ލޮލުން އިޝާރާތް ކޮށްލިއެވެ. އުނގުމަތީގައި އޮތް އަތް ބޭއިޙްތިޔާުގައި ޔަޝްމީއަށް އުފުލައިލެވުނެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ.
( ނުނިމޭ )
ސިލްސިލާ ވާޙަކަ: ޝިކާޔަތު (22)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!