ޗައިނާ ޓޫރިސްޓުން ރާއްޖޭގެ މޫދަށް އެރި އުޅޭއިރު، ސަމާލުވުމަށް ޗައިނާ އެމްބަސީން އިލްތިމާސްކޮށްފިއެވެ.
އެގަމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިގޮތަށް އިލްތިމާސް ކުރީ ފާއިތުވި މަސްތަކުގައި އެ ގައުމުގެ ޓޫރިސްޓުންނަށް މޫދުގައި އެކި ކަހަލަ ހާދިސާތައް ދިމާވެފައިވާތީ އެވެ.
ޗައިނާ އެމްބަސީ އާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މޫދަށް ގެނބުމުގެ ހާދިސާތަކުގައި މިފަހަކުން ތިން ޓޫރިސްޓަކު މަރުވެފައެވެ. އަދި މޫދަށް އެރި އުޅުމުގައި މިޔަރު ދަތް އެޅުމުގެ ހާދިސާތައް ވެސް ހިނގާފައިވާކަން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން ފުން ހިސާބުތަކަށް މޫދަށް އެރުމުގެ ކުރިން އެ ސަރަހައްދުގެ ރައްކާތެރިކަމަށް ބެލުމަށާއި ހާއްސަކޮށް އެ ސަރަހައްދަކީ މިޔަރު އުޅޭ ސަރަހައްދެއްތޯ ބެލުމަށް ވަނީ އެދިފައެވެ. އަދި މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މުދަލަށް އަމިއްލައަށް ރައްކާތެރިވުމަށާއި ރާއްޖެއަށް ދަތުރުކުރާނަމަ، އިތުރު މީހަކާއެކު ދަތުރުކުރުމަށާއި ހާއްސަކޮށް ބަލިވެ އުޅޭ ނަމަ، ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!