ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެ ޙައްޤުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

"ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.އާރް.ސީ) ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރައްވާފައެވެ.

Ad
rt

އެހެންނަމަވެސް މި ކުރިއެރުންތައް އެގޮތުގައި ހިފެހެއްޓުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ބަނޑޮސް މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތުގައި ފަޒުނާ ވަނީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން އެކުދިން ހޭލުންތެރިކުރުވުމާއި އެކުދިންނަށް ލިބިފައިވާ ހައްގުތަކުގެ ބޭނުން ހިފުމުގައާއި އެފަދަ ހައްގެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެހީތެރިކަން ހޯދާނެގޮތްތައް ކުދިންނަށް ބުނެދިނުމުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި ސްކޫލްތަކުގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި މުޖުތަމައުން އަދާކުރާ ދައުރުގެ އިތުރުން ކުޑަކުދިންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މަދަނީ ޖަމިއްޔާތަކުން އަދާކުރެވިދާނެ މުހިންމު ދައުރު ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދިންނަކީ މުސްތަގުބަލުގައި ބަދަލުތައް ގެނެސްދޭނެ ފަރާތްތައްކަން ފާހަގަކުރައްވައި މިއަދު ކުޑަކުދިންގެ ހެދިބޮޑުވުމަށް ކުރާ އިންވެސްމަންޓަކީ މާދަމާގެ ތަރައްގީގެ މިސްރާބު ކަނޑައަޅައިދޭނެ ކަމެއްކަން ވެސް ވަނި ފާހަގަކުރައްވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ "ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ" ގައި ރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއިން ބައިވެރިވެއެވެ.

މި ކޮންފަރެންސަކީ މި ޤައުމުތަކުގެ ކުޑަކުދިންގެ ޙައްޤުތަކުގެ ހާލަތު އޮތްގޮތް ދެނެގަތުމާއި ތަޖުރިބާ ޙިއްޞާކުރުމާއި އަދި މި ސަރަޙައްދުގެ އޮގަނައިޒޭޝަންސްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ ކޮންފަރެންސެކެވެ.