ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަންވީ މުޅި މުޖްތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބަތުގައި މިއަދު ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މިއަދުގެ ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، އެކަން ކުރާ މީހާއަށާއި، އެ ޢަމަލުކުރާއިރު ކައިރީގައި ތިބޭ އެހެން މީހުންނަށާއި، އެފަދަ މީހުންނާ އެކުގައި އުޅޭ އެހެން މީހުންނަށް ވެސް ޞިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ނުރައްކާތެރި އިޖްތިމާޢީ މައްސަލައެއް ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު ފެތުރެމުން ދާ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް، އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅިފައިވާ ބަލިތައް ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެފަދަ ބަލިތަކުގައި ބައެއް ގުނަވަންތައް އެކުގައި ހަލާކުވެ ފުރާނަ ގެއްލިގެން ދިއުމަކީ ވެސް ކުރިމަތިވާ ވަރަށް ނުރައްކާތެރި ކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވިގޮތުގައި މިފަދަ ދުވަސްތައް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ވެސް، އެފަދަ ނުރައްކާތަކާމެދު ހޭލުންތެރިވެ، އެފަދަ ނުރައްކާތަކުން ތިމާ އާއި އަނެކުން ވެސް ރައްކާތެރިކުރުމަށް މަސައްކަތްކުރުމެވެ.

‘’އެހެންކަމުން، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކުމެ މިއަދު ޢަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށެވެ.’’ ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވެފައި ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައި ކަމަށެވެ.

‘’ތިމާގެ އަނބިދަރިންނާއި ޢާއިލާގެ ހެވަށްޓަކައެވެ. ގާތް ރަޙުމަތްތެރިންނާއި އެކުވެރިންގެ ސަލާމަތަށްޓަކައެވެ. މުޅި މުޖްތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައެވެ.’’ ރައީސް ވިދާޅުވެފަވެއެވެ.