ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސް އިބްރާޙީމް ސާލިހަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ގ. ކެނެރީގޭ ކައިރީގައި ބޮން ގޮއްވާލުމުގެ ކުރިން އެ މައުލޫމާތު ރައީސް ސާލިހަށް ލިބިވަޑައިގެންނެވި ކަމަށެވެ.
2021 ވަނަ އަހަރުގެ މެއި ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއަށް ގިނަ މައުލޫމާތުތަކެއް ލިބިފައި އެބަހުރި ކަމަށާއި އޭގެ ތެރޭގައި މޭރީބްރައުން އާއި މ. ޔާގޫތުގޭ ކައިރީގައި ބޮން ހަރުކޮށްގެން ނަޝީދު އަވަހާރަކޮށްލަން އުޅުނުކަން ވެސް ދުރާލާ ރައީސް ސާލިހަށް އެންގެވި ކަމަށް މެމްބަރު ހަސަން ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރުން ނަޝީދަށް އަމާޒުކޮށް ހަމަލާތައް ދޭން ރޭވީ ރައީސް ސާލިހަށް އެނގިވަޑައިގެން ކަމަށާއި އެކަން ހުއްޓުވަން މަސައްކަތްފުޅު ކުރައްވާފައި ނުވާ ކަމަށް ވެސް ހަސަން ވަނީ ވިދާޅުވެފައެވެ.
މެމްބަރު ހަސަން ލަތީފް ގެ މި ވާހަކަތަކަށް އިޝާރާތް ކުރައްވައި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ނިޒާމީ ނުކުތާ ނަންގަވައި، މިއީ މުޅިން އާ ވާހަކަތަކެއް ކަމަށް ވިދާޅުވުމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ އެއީ ތެދު ވާހަކަތަކެއްކަން ޔަގީންކޮށްދެއްވި ދާނެ ކަމަށެވެ. އަދި އެކަމުގެ ހެކި އެބަ ހުރި ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެހާދިސާ ހިނގީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށެވެ.
އެ ހާދިސާއާއި ގުޅިގެން 16 ގަޑި އިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ކޮށްފައިވާއިރު، އެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅާފައެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވިއެވެ.
އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގަތީ ޖަރުމަނު ވިލާތަށެވެ. ޖަރުމަނު ވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ފަހު ޑޮކްޓަރުންގެ ލަފަޔާއެކު އިތުރު ފަރުވާއަށް އިނގިރޭސި ވިލާތަށް ވެސް ވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!