މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށާއި، ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
އެމްއެންޕީން ބުނީ ޤައުމަށް ހެޔޮ ބަދަލެއް ގެނެސް ފުދުންތެރި ރައްޔިތެއް ބިނާ ކުރުމަށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ހަވާލުކުރުމާއެކު ރަސްމީކޮށް ކެމްޕޭން ފެށުން އޮންނާނީ މި މަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައި ކަމަށެވެ. މި ޖަލްސާ ފަށަން ނިންމާފައި ވަނީ އެރޭ 20:45 ގައެވެ.
ރިޔާސީ އިންތިޚާބަށް އެމްއެންޕީން ކުރިމަތިލަނީ ވަރުގަދަ ރިޔާސީ ވައުދުތަކަކާއެކުގައެވެ. އޭގެތެރެއިން މިހާތަނަށް ބައެއް ވައުދުތަކާއި، ސިޔާސަތުތައް އާންމުކުރައްވާފައިވާއިރު، އެމްއެންޕީގެ ވެރިކަމެއްގައި ގެންގުޅޭނެ ޚާރިޖީ ސިޔާސަތަކީ ބެލެންސް، "ކޮންމެ ޤައުމަކާވެސް ސަލާންކޮށްލެވޭ" ފަދަ ސިޔާސަތަކަށް ވާނެކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި ބޭރުގައުމުތަކަށް ފުޅާކޮށް، ޤާނޫނުގެ ރޫޙާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން އަލުން އިންތިޒާމުކުރައްވައި، ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކުރުން ހުއްޓާލުމާއި، ރާއްޖޭގައި ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށް ކުރުމާއި އަދި އާންމުކޮށް ޑޮލަރު ގަންނަން ލިބޭ ރޭޓް 15.42 އަށް ދަށްކުރުން އެމްއެންޕީގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން އެމްއެންޕީ ވެރިކަމެއްގައި ގެސްޓްހައުސް އަޅައި، ސަރުކާރުން ދޭނީ ތަޅުދަނޑި ކަމަށާއި، އެ ތަންތަން ހިންގާނީ ޒުވާނުން ކަމަށް އެ ޕާޓީން ވަނީ ވައުދުވެފައެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭސްފަރުވާ ނިޒާމަކީ އެންމެނަށް ހަމަހަމަ ނިޒާމެއްގެ ގޮތުގައި ހަމަޖައްސައިދިނުމާއި، ނިކަމެތިންގެ ގޮތުގައި ބެލެވޭ، ނުވަތަ މުސާރައިގެ ވަކި ގިންތިއެއްގެ ތެރޭގައި ހިމެނޭ މީހުންނަށް ފެނާއި ކަރަންޓް ބިލު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ވެސް ވަނީ ވައުދުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!