ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ރައުޔެއް ނެރުމަށް ބާ ކައުންސިލުން ގެންގުޅޭ ވިސްނުން ދޫކޮށްލުމަށް ކުރީގެ ބަންޑާރަ ނައިބުން ކަމުގައިވާ ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު އެދިވަޑައިގެންފި އެވެ.

މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނަމަވެސް ރާއްޖޭގެ ކަނޑުގެ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ގެއްލުނެވެ.

Ad
rt

މި މައްސަލަ ހޫނުވެފައި ވަނިކޮށް، ބާ ކައުންސިލުން މިހާރު ވަނީ އެ މައްސަލާގައި ކައުންސިލުގެ ރައުޔު ހާމަކުރާނެ ކަމަށް ބުނެފަ އެވެ.

ބާ ކައުންސިލުން މިކަމުގައި ރައުޔު ނެރުމުގެ ވިސްނުން ދޫކޮށްލަން އެދި މިދިޔަ އާދިއްތަ ދުވަހު ސިޓީ ފޮނުއްވާފައިވަނީ 'ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު'ގައި ހިމެނޭ، ބާ ކައުންސިލުގެ ތިން މެމްބަރުން ކަމަށްވާ މުނައްވަރާއި އާއިޝަތު އާޒިމާ ޝުކޫރާއި ދިޔާނާ ސައީދެވެ.

އެ ބޭފުޅުންގެ ސިޓީގައިވަނީ އެ މައްސަލާގައި ބާ ކައުންސިލިުގެ ރައުޔެއް ހާމަކުރުމުގެ ވިސްނުން ދޫކޮށްލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މައިދަނުގައި ހިނގާ މިފަދަ މައްސަލަތަކުގައި ގާނޫނީ ވަކީލުން ސިޔާސީ ނުކުރެއްވުމަށް ސިޓީގައި އެދިފައިވެ އެވެ.

އެ މައްސަލާގައި ސަރުކާރުން އަމަލު ކުރި ގޮތާ ގުޅިގެން މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ އެ ކައުންސިލުގެ ރަައީސާއި އެހެން ބައެއް މެމްބަރުން މި މައްސަލާގައި ސަރުކާރު ދިފާއު ކުރައްވައި ޓުވީޓްކޮށް ވާހަކަ ދައްކަވާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

"އެހެންކަމާއެކު، ކަންކަން އިސްފަސްވުމުގެ ސަބަބުންނާއި ނިޔަތާ މެދު ސުވާލު އުފެދޭ ހާލަތު މަތިވެ އޮތުމުން މި މައްސަލާގައި [ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން] ފަންނީ ދިރާސާއެއްކޮށް އެދިރާސާގެ މައްޗަށް ރައުޔެއް ހާމަކުރުމުގެ ފުރުސަތު އެގްޒެކިއުޓިވް ކޮމިޓީއަށް މިހާރު ގެއްލިއްޖެ ކަމަށް ފާހަގަކުރެވެ އެވެ،" ސިޓީގައިވެ އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރަކަށް ވާއިރު، މި މައްސަލާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ވަގުތެއްގައި މި މައްސަލާގައި ރައުޔެއް ނެރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވެސް ސިޓީގައިވެ އެވެ.

ރާއްޖޭގެ ހުރިހާ ގާނޫނީ ވަކީލުންނަކީ ބާ ކައުންސިލުގެ މެމްބަރުން ކަމުގައިވާއިރު މުޅި ދިވެހި ބާ ކައުންސިލުގެ ރައުޔު ކަމަށް ދޭހަކުރެވިދާނެ ފަދަ ގޮތަކަށް ރައުޔެއް އެކުލަވާލުމުގެ ގާނޫނީ ބާރު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އޮންނާނޭ ކަމީ ޗެލެންޖު ކުރެވޭނެ ކަމަށް ސިޓީގައިވެ އެވެ.

އެ އިއްތިހާދުން އެކި ހަރަކާތްތައް ހިންގަމުން ދާއިރު، މިކަމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދާފަ އެވެ.