ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ހޮސްޕިޓަލްތައް އަޅަން ހަވާލުކޮށްފައި ވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި ހޮސްޕިޓަލްތައް އަޅަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ.

މިއީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލް ތަކެކެވެ. މި ހޮސްޕިޓަލްތައް އަޅަން ކުވައިތު ފަންޑުން ޖުމްލަ 686،089،524.22 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.

ހދ. ހަނިމާދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް އެޅުމަށް ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އިއްޔެ ހަވާލުކުރިއިރު، ށ. މިލަންދޫ، ނ. ވެލިދޫ އަދި ކ. ތުލުސްދޫގައި ހޮސްޕިޓަލް އެޅުމަށް ހަވާލުކުރީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

މި ހޮސްޕިޓަލްތަކުން ޚިދުމަތް ވީހާވެސް ބޮޑަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، މިހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަޞީލަތްތައްވެސް ތަރައްގީކުރުމަށް އިސްކަން ދެއްވާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.