ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ސާބިއާ އަށް ވަޑައިގެންފިއެވެ.
މި މެއި މަހުގެ 8 ން 10 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުުގައި އެގައުމުގެ ފުރަތަމަ ނައިބު ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިވިކާ ޑަޗިޗްއާ އެކު ދެގައުމުގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މުހިއްމު ފަސް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާ އުވާލުމާއި ބެހޭ ގޮތުން ދިވެހި ސަރުކާރާއި ސާބިއާ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި އިޤްތިޞާދީ އެއްބާރުލުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި ސާބިއާ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުން ހިމެނެއެވެ. އަދި ދެ ގައުމުގެ ދެމެދު އެއަރ ސަރވިސަސް އެގްރީމަންޓާއި ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއާއި ސާބިއާގެ ޚާރިޖީ ވުޒާރާއާ ދެމެދު ވެވޭ އެއްބަސްވުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ދެގައުމުގެ ދެމެދު ކުޅިވަރުގެ ދާއިރާއިން ވެވޭ އެއްބަސްވުން ވެސް ހިމެނެއެވެ.
މިއީ ޝާހިދު ސާބިއާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!