އުރީދޫ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
އެ ކުންފުނިން ފުރަތަނަ ހުޅުވާލި ފުރުސަތުގެ މުއްދަތު ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ. ނަމަވެސް ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އަލުން ވަނީ ރަޖިަްޓްރޭޝަނަށް ހުޅުވާލައިފައެވެ.
މިފަހަރުގެ ފަން ރަން ބާއްވަނީ ކުޅުދުއްފުށި ސިޓީގައެވެ. ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ.
މި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީވެވޭނެއެވެ.
ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވޭނެ ހަރަކާތެކެވެ. މިއަހަރުގެ ފަން ރަން އަކީ ހދ. އަތޮޅުގައި ބާއްވާނެ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަކަށް ވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
ފަން ރަންގެ ކިޓް ދެ ކެޓަގަރީ އަކުން ލިބެން ހުންނަ އިރު، 100 ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭނެއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން އެންމެ ފަހުން ފަން ރަން ބާއްވާފައިވަނީ ހުޅުމާލޭގައެވެ. އެ ދުވުމުގައި 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!