ވ. އާރަށް މައްސަލާގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކުރި މައްސަލާގައި ހައި ކޯޓުގައި ދައުލަތް މިއަދު ހޫނުފެނަށް ވެއްޓިއްޖެ އެވެ.
އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް ލޯންޑާކުރި 52 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އަމުރުކުރި އެވެ. އެ އަމުރު ނެރުނީ ހުކުމްކުރި ފަހުންނެވެ.
އެ އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ސުވާލުތައް ދައުލަތަށް ގޮތެއްގައި އަމާޒުވީ ހުކުމްކުރި ފަހުން އެފަދަ އަމުރެއް ނެރެފައިވާތީ އާއި ޔާމީންގެ ބަހެއް ހޯދުމެއް ނެތި އަމުރު ނެރެފައިވާތީ އެވެ.
އެކަމާ ގުޅޭގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ޝަރީއަތުގެ މަރުހަލާގައި އެ ފުރުސަތު ޔާމީންގެ ވަކީލުންނާއި ދައުލަތަށް ލިބިފައިވާ ކަމަށެވެ.
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރުކުރާ ނަމަ ހުކުމުގައި އެކަން ހިމަނަން ޖެހޭނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮންނައިރު ޔާމީންގެ މައްސަލާގައި އެ ފައިސާ ދައްކަން އެންގީ ފަހުން ނެރުނު އަމުރެއްގެ ދަށުންނެވެ.
އެކަމާ ގުޅިގެން ވެސް ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާއިރު ހުކުމުގައި އެ ވާހަކަ ހިމެނުން ކޮންމެހެން ލާޒިމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި ބުނީ އެއީ އެ ގާނޫނުގައި ހުކުމް ތަންފީޒު ކުރުމުގެ ބާބުގައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ނެގުމުގެ ވާހަކަ ނެތުމުންނެވެ.
ދައުލަތުން ބުނީ "އަމުރު ކުރަންވާނެ" ކަމަށް ބުނެފައި ގާނޫނުގައި އޮތަސް، އެއީ ކޮންމެހެން ލާޒިމް ކަމެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުން ބުނީ ވަކި ހާލަތްތަކެއްގައި މީހުން ބަންދު ކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮތަސް، އެއީ ލާޒިމް ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ ކަމަށެވެ.
ޔާމީނަށް ޖަލު ހުކުމް އިއްވިތާ ދުވަސްތަކެއް ފަހުން އެ ފައިސާ ދައްކަން އަމުރު ނެރުނު ސަބަބާ ބެހޭގޮތުން ސުވާލު އަމާޒުވި އެވެ.
"ހުކުމް ކުރިތާ 63 ދުވަސް ފަހުން މިފަދަ އަމުރެއް ނެރުމުގައި މަގްބޫލު އެއްވެސް ސަބަބެއް އެބައޮތްތޯ؟" ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ އަމުރު ނެރުމުގައި ލަސްވާން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެކަމަކު ލަސްވުމުގައި އެކި ސަބަބުތަކެއް ދިމާވެދާނެ ކަމަށެވެ.
"ސުވާލަކީ މަގްބޫލު ސަބަބެއް އެބައޮތްތޯ 63 ދުވަސް ފަހުން މިފަދަ އަމުރެއް ނެރުމުގައި؟" ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ އޭގެ ޖަވާބު ދެވޭނީ ކްރިމިނަލް ކޯޓަށް ކަމަށެވެ.
"ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިފަދަ އަމުރަކަށް އެދުމުގައި 60 އެތައް ދުވަސް ފަހުން އެއީ އެކަށީގެންވާ މުއްދަތެއްތޯ؟" އަނެއްކާވެސް ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ހުކުމަށް ފަހު އެ ހުކުމުގެ އެ ބައި އިސްތިއުނާފް ކުރުމާ މެދު ދިރާސާ ކުރަން ވަގުތުތަކެއް ނެގި ކަމަށެވެ.
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މަރުހަލާގައި ނުނިމި އޮއްވައި، 52 މިލިއަން ދެއްކުމުގެ އަމުރު ހައި ކޯޓުން ދަމަހައްޓާނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
"މިދަންނަވާ މައްސަލާގައި ނިކުންނާނެ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުއެއް އެނގޭ. އެ ހާލަތުގައި، ޕެންޑިންގައި އޮއްވައި ތި ވިދާޅުވާ ގޮތަށް ނިންމިދާނެތޯ." ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން މި މަރުހަލާގައި އަމުރު ދެމެހެއްޓިޔަސް، ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފި ނަމަ އެ އަމުރު ނިމުމަކަށް އަންނާނެ ކަމަށެވެ.
އަޑުއެހުމުގައި ޔާމީން ވެސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ 52 މިލިއަން ރުފިޔާގެ ތެރޭގައި ސައްހަ މަގުން އެމަނިކުފާނު ހޯއްދެވި އަދި މައްސަލައާ ގުޅުމެއް ނެތް ފައިސާ އެބަހުރި ކަމަށެވެ.
"ސައްހަކޮށް، ހަލާލުކޮށް ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ދަށުން މުދާ ހޯދުމާއި މިލްކު ކުރުމުގެ ހައްގުގެ ދަށުން އަޅުގަނޑު ހޯދާފައި ހުރި ފައިސާ ވެސް މީގެ ތެރޭގައި އެބަ ހިމެނޭ." ޔާމީން ވިދާޅުވި އެވެ.
ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ ހިމެނިވަޑައިގަންނަވާ ބެންޗުން އިއުލާން ކުރެއްވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ މައްސަލާގެ ހުކުމް އިއްވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!