ނޫރާއްޖެއިން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ރިޕޯޓް އާންމުކޮށްފިއެވެ.
މުޅި ރާއްޖެ އެކުލެވޭ ގޮތަށް ހަދާފައިވާ ސާރވޭއާއެކު 25,000 ދިވެހިން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާ ގޮތް އިނގިގެންދާނެއެވެ.
ނޫރާއްޖޭގެ ޓީމުން ވަނީ ސާރވޭގެ ހޯދުންތައް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ބޭއްވި ސެޝަންއެއްގައި ހިއްސާކޮށްފައެވެ. އަދި ރަސްދޫގައި ކޮމިއުނިޓީ އިވެންޓެއް ބާއްވާ ސާރވޭގެ ރިޕޯޓް ނިމުން ވަނީ ފާހަގަކޮށްފައެވެ.
ރަސްދޫއަކީ މަސްވެރިކަމާ ޓޫރިޒަމްގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށެއްގެ އިތުރުން މެރިން ޕްރޮޓެކްޓެޑް އޭރިއާއެއް ޤައިމުކުރެވިފައިވާ ރަށެކެވެ. މި ރަށަކީ ކަނޑުފަޅުތައް ރަށުގެ އިޤްތިޞާދާއި، ވެއްޓާއި، މުޖުތަމައަށް ފައިދާ ކުރާ ގޮތަށް ބޭނުންކުރުމުގެ ލާމަސީލު މިސާލެކެވެ.
ކަނޑުވެރިންގެ ފެސްޓިވަލުގައި މަސްބޭނުމުގެ މުބާރާތަކާއި ފެތުމުގެ މުބާރާތަކާއި އެކި މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ވަނީ ހިންގާފައެވެ.
މި ސާރވޭއަށް ނޫރާއްޖޭގެ ޓީމުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށަށް ގޮސް 4900 މީހުންނާ ސުވާލުކޮށްފައެވެ. އަދި ނޫރާއްޖެއިން ވަނީ އާބާދީއަށް ބަލައި ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ސާރވޭ ކުރަން ޓާގެޓް ކުރި މަސްވެރިންގެ އަދަދު ދެ ގުނައަށް ވުރެ އިތުރަށް ވަނީ ހާސިލްކޮށްފައެވެ.
މި ޓީމުން އެމްއެންޔޫގެ 50 ދަރިވަރުންނާއި، ފެކަލްޓީ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި ތިމާވެށި ރައްކާކުރުމާގުޅޭ ޖަމިއްޔާތަކުގެ މެންބަރުންނަށް އަމާޒުކޮށްގެން ނެޝަނަލް ޔުނިވަރސިޓީގައި އިންޓަރެކްޓިވް ސެޝަނެއް ވެސް ބާއްވާފައިވާއިރު، މި ސެޝަންގައި ސާރވޭގެ މުހިންމު ހޯދުންތަކާއި އުސްއަލިތައް ހިއްސާކޮށް، ބައިވެރިންނަށް ވަނީ ސުވާލުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.
އޯޝަން ޔޫސް ސާރވޭއަކީ ކަނޑުތައް ބޭނުންކުރާ ހުރިހާ ފަރާތްތައް، ހާއްސަކޮށް މަސްވެރިންގެ އަޑު، ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމުގެ ތެރޭގައި ހިމެނުމުގެ މުހިންމު ފުރުތަމަ ފިޔަވަޅެކެވެ. މި ޕްލޭން އެކުލަވާލެވިގެންދާނީ ސައިންސްގެ މައްޗަށް ބިނާކޮށް މުޖުތަމައުގެ ބައިވެރިވުމާ އެކުގައެވެ.
މި ސާރވޭ ޑިޒައިންކޮށް ހިންގުމުގައި ނޫރާއްޖެއިން ވަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި ރައީސް އޮފީހާއެކު ގާތުން މަސައްކަތްކޮށްފައެވެ.
ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ކަނޑުތަކާ ގުޅިގެން ނިންމާ ނިންމުތަކުގެ އަޞަރު ހުރިހާ ދިވެހިންނަށް ކޮންމެވެސް ސިފައެއްގައި ކުރާނެ ކަމަށެވެ.
ދިވެހިން ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާގޮތް ރަނގަޅަށް އެނގުމަކީ ވަރަށް މުހިންމު ކަމެއްކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މި ސާވޭއަށް ކަނޑުފަޅުތައް ބޭނުންކުރާ މަސްވެރިންނާއި، ޓޫރިޒަމް އިންޑަސްޓްރީއާއި، ޝިޕިންގ އިންޑަސްޓްރީއާއި، ސަޤާފީ އަދި މުނިފޫހިފިލުވުމަށް ކަނޑުތައް ބޭނުންކުރާ ފަރާތްތަކުން ދެއްވި އެއްބާރުލުމުން އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މި ފަދަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނޫރާއްޖޭ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރާން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑޫ އޯޝަން ޔޫސް ސާރވޭ ހެދިފައި މި ވަނީ ރާއްޖޭގެ މުއައްސަސާތަކާއި، ތިމާވެށި ރައްކާ ކުރުމުގެ ޖަމިއްޔާތަކާއި އާންމު މުޖުތަމައުގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބިގެން ކަމަށެވެ.
ދުނިޔޭގައި މިހާތަނަށް ހެދިފައިވާ މިފަދަ އެންމެ ބޮޑު ސާރވޭ ރިޕޯޓުގެ ލިންކް: www.nooraajje.org/oceanusesurvey
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!