ސްޕެނިޝް ލީގުގައި ރޭ އަލްމޭރިއާއާއި ބާސެލޯނާ ބައްދަލުކުރި މެޗު، އަލްމޭރިއާ ކާމިޔާބު ކުރުމުން ޕޮއިންޓް ތާވަލުގައި ފަރަގު ބޮޑު ކުރަން ބާސާއަށް ލިބުނު ފުރުޞަތު ގެއްލިއްޖެއެވެ.

ރޭ އަލްމޭރިއާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ކުރިން ބާސާ ލީގުގައި ކުޅުނު ހަތް މެޗުން ވެސް މޮޅުވެފައިވާއިރު، ރޭގެ ބައްޔާއިއެކު މޮޅުވުމުގެ ސިލްސިލާއަށް ވެސް މިވަނީ ނިމުން އައިސްފައެވެ. މީގެއިތުރުން ނިމުނު ހަފްތާގެ ތެރޭގައި ޔޫރޮޕާ ލީގުގެ ޕްލޭއިފް ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ބާސާ ވަނީ ބަލިވެ އެ މުބާރާތުން ކަޓާފައެވެ. ބާސާ ޔުނައިޓެޑް އަތުން ބަލިވުމުގެ ކުރިން ކުޅުނު 18 މެޗުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ.

Ad
rt

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއަށް ރޭގެ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 10 ޕޮއިންޓްގެ ލީޑެއް ހޯދެން އޮތެވެ. އެއީ ދެވަނާގައި އޮތް ރެއާލް މެޑްރިޑް ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމާއި ގުޅިގެންނެވެ. ނަމަވެސް މި މެޗުން ބާސާ ބަލިވުމާއިއެކު ތާވަލުގެ އެއްވަނާގައި ބާސާ އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ. ބާސާއަށް 23 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލަށް 23 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ.

ރޭގެ މޮޅާއިއެކު އަލްމޭރިއާ ވަނީ ރެލިގޭޝަން ޒޯނާއި ދެ ޕޮއިންޓް ދުރަށް ޖެހިލާފައެވެ. އެ ޓީމަށް 23 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު އެ ޓީމް އޮތީ 15 ވަނާގައެވެ.

ރޭގެ މެޗު ފަށައިގެން ބާސާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި އަލްމޭރިއާ ފެނުނީ މާ ނުރައްކާ ކޮށެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމްގެ ލުއިސް ސުއަރޭޒް ބާސާގެ ޑިފެންސްގެ ފަހަތަށް ކުޅުނު ބޯޅަ ހޯދައި އެލް ބިލާލް ޓޯރޭ ވަނީ އަލްމޭރިއާއަށް ލަނޑު ޖަހައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސާއިން ވަނީ އަލްމޭރިއާގެ ގޯލު ކުރިމައްޗަށް ގިނަ ހުރަސްތަކެއް ކޮށް ލަނޑު ޖަހަން މަސައްކަތް ކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭ ލީޑު ފުޅާކުރަން އަލްމޭރިއާއަށް ވަނީ ރަނުގެ ފުރުޞަތެއް ލިބިފައެވެ. އެ ޓީމްގެ އެމްބާބާއަށް ލިބުނު ހުސް ފުރުޞަތުގައި ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފައި ވަނީ މި ނަތީޖާއާއި މެދު އެއްގޮތަކަށް ވެސް ހިތްހަމަ ނުޖެހޭ ކަމަށާއި މި މެޗަކީ މިހާތަނަށް މި ސީޒަންގައި ކުޅުނު އެންމެ ދަށް މެޗު ކަމަށެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ބާސާއިން ދެއްކި ދަށް ކުޅުން ޒަވީ ވަނީ ފާހަގަ ކޮށްފައެވެ.

ޒަވީ އިތުރަށް ބުނެފައި ވަނީ މި މެޗުން ބަލިވުމާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑުކުރަން ލިބުނު ރަނުގެ ފުރުޞަތު ވެސް ގެއްލިގެން ދިޔައީ ކަމަށެވެ.