ސައުދީ ޕްރޯ ލީގުގައި މިރޭ އަލްފަތުހާއި އަލްނަސްރު ބައްދަލުކުރި މެޗުން، އަލްނަސްރު ބަލިވާން ދަނިކޮށް ފަހުވަގުތު ރޮނާލްޑޯ ލަނޑުޖަހައި އެ ޓީމް ބަލިން ސަލާމަތް ކޮށްދީފިއެވެ.
މިރޭ އަލްފަތުހުގެ ދަނޑުގައ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އަލްފަތުހުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އަލްނަސްރުގެ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއަން ޓެލޯއެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު ޖަހަން ބޯޅަ ލިބުނު ވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން އެ ލަނޑު ވަނީ ބަލައި ނުގަނެފައެވެ. މީގެއިތުރުން ވެސް ރޮނާލްޑޯއަށް ލަނޑު ޖަހާނެ ހުސް ދެ ފުރުޞަތެއް ލިބި ވަނީ ބޭނުން ނުހިފިފައެވެ. އެތަނުން އެއް ހަމަލާ ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްނަސްރުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޓަލިސްކާއެވެ.
މެޗުގައި ދެވަނަ ފަހަރަށް އަލްފަތުހުން ލީޑު ނަގާފައި ވަނީ 58 ވަނަ މިނެޓުގައި ސޯފިއާނޭ ބެންޑެބްކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އަލްނަސްރުގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުން އަލްނަސްރު ބަލިވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި އަލްނަސްރު ބަލިން ސަލާމަތް ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ އަލްނަސްރަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މިވަގުތު ލީގުގެ އެއްވަނާގައި އަލްނަސްރު އޮތީ ކުޅުނު 15 މެޗުން ލިބުނު 34 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އަލްޝަބާބަށް ވެސް ވަނީ 16 މެޗުން 34 ޕޮއިންޓް ލިބިފައެވެ. މިރޭ އަލްނަސްރު އަތުން ޕޮއިންޓެއް ހޯދި އަލްފަތުހު މިވަގުތު އޮތީ ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!