މާލޭ ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެތަނުގައި ރޯވި އަލިފާން އެ އިދާރާގެ ފަޔާ އެންޑް ރެސްކިއު ސަވިސްއިން ވަނީ މިހާރު ކޮންޓްރޯލްކޮށްފައެވެ. އެތަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ ފަތިހު 5:43 ގައެވެ. އަދި އެތަނުގައި ރޯވި އަލިފާން އެއްކޮށް ކޮންޓްރޯލްވިކަން އެ އިދާރާއިން މީޑިއާތަކަށް އެންގީ 12:36 ގައެވެ.

Ad
rt

މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ އެފްއާރުއެސްގެ ފަޔާމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފެށިކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައެވެ. މީގެ އިތުރުން އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބާކުއާޓަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އެއީ މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ބޭނުން ކުރަމުން އަންނަ ތަނެކެވެ.

''މިހާދިސާގައި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަޔާމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި ޢިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން މިއަދު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައި، އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހެނދުނު 08:30 ހާއިރު'' އެމްއެންޑީއެފުން ވިދާޅުވިދާޅުވެފަވެއެވެ.

މިހާދިސާ އާއި ގުޅިގެން ނީލަން ފިހާރައިގެ އުތުރުގައި މީހުން ދިރިއުޅުނު ލޭބާ ކުއާޓާގައި ރޯވި އަލިފާން ކޮންޓްރޯލްވުމުން، ފަޔާމަނުން އެތަނަށްވަދެ ބެލި ބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައިނުވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ނީލަން ފިހާރައަކީ ގިނަ އަދަދެއްގެ ސާމާނުހުރި ތަނެއްކަމުން އެކްސްކަވޭޓަރުގެ އެހީގައި ސިފައިން އަދިވެސް އިތުރަށް އެތަނުގައި މަސައްކަތް ކުރަމުންއަންނައިރު، މިހާދިސާއާ ގުޅިގެން އަލިފާން ނިއްވުމަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވެފައިވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުއެވެ.