ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ފުރަތަމަ ޖަލްސާ އޮތީ މިރޭ އެމްޑީޕީގެ މައި ހަރުގޭގައެވެ.
އެ ޖަލްސާއާއި ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ އެމްޑީޕީގެ ހަރުގެ ހުންނަ ދިމާ އާޓިފިޝަލް ބީޗަށް މިރޭ އެއްވެ ސިޔާސީ ހަރަކާތް ހިންގާފައެވެ.
ރައީސް ޞާލިޙްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާ ފެށުމާއެކުހެން އިދިކޮޅުން ވެސް އެ ޖަލްސާ ހިނގަމުން ދިޔަ ހަރުގެއާއި މާދުރުނޫން ހިސާބުގައި ބައްދަލުވުން ފެށިއެވެ. އެމްޑީޕީގެ ޖަލްސާގައި އެކި ބޭފުޅުން ވާހަކަ ދައްކަވަމުން ދިޔައިރު އިދިކޮޅު ޖަލްސާގެ އަޑު އިވެއެވެ. ބައެއް ފަހަރު އިދިކޮޅު ޖަލްސާގައި ދައްކާ ވާހަކަ ރަނގަޅަށް ސާފުވާ ފަަހަރުވެސް އާދެއެވެ.
ރައީސް ޞާލިޙްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން ރައީސް ޞާލިޙް ޕޯޑިއަމަށް ވަޑައިގަތް ވަގުތު އިދިކޮޅު ޕޯޑިއަމަށް ވަޑައިގަތީ މިހާރު އިދިކޮޅު ލީޑް ކުރައްވާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.
ރައީސްގެ ވާހަކަފުޅުގެ ލައިވް އަޑުއަހަމުން ދިޔަވަގުތު އަދުރޭގެ އަޑު ފޭއްދިގެން އާދެއެވެ.
''ދެން މައިތިރިއެއް ނުވާނެ މިޓީމެއް، ނުހުއްޓުވޭނެ މިޓީމެއް، ތުރާކުނުން އައްޑޫގެ ނިޔަލަށް ރުކުރަވާލާނަން، ވޯޓުން ތަޅާ ބަލިކުރާނަން، އިންސާފަކީ ކޯއްޗެއްކަން ނިކަން ރަނގަޅަށް ދައްކާލާނަން'' އަދުރޭ ވިދާޅުވަމުން ދިޔައެވެ.
މީގެ އިތުރުން ރައީސް ޞާލިޙަކީ ޣައްދާރެއްކަމަށާއި، ތެދުވެރިވާންވީ ރައީސް ޞާލިޙަށް ނޫންކަމަށާއި، ދީނަށާއި ޤައުމަށް ކަމަށް އަޑަށް ބާރުލަށްވައި އަދުރޭ ވިދާޅުވެފަވެއެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ.
ޖޫރިމަނާ ފައިސާ އެ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ. އަދި ހުކުމް ދެމި އޮތްހާ ހިނދަކު، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!