އައު އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ ޝޯ އަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ރާއްޖެ އަތުވެއްޖެ އެވެ.
ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބާއްވާ މި ހާއްސަ ޝޯ ގައި ބައިވެރިވުމަށް އޭނާ ރާއްޖެ އައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. މިއީ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕަވްނީ ރާއްޖެއައި ފުރަތަމަ ފަހަރެވެ.
ޕައުނީ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވީ 2017 ވަނަ އަހަރު ނެރުނު ފިލްމް "ރައީސް" އަށް އޭނާ ކިޔައިދިން "ލައިލާ މެ ލައިލާ" އިން ނެވެ. މިއީ 1980 ވަނަ އަހަރު ނެރުނު ފިލްމް "ޤުރުބާނީ" ގައި ހަމަ އެނަމުގައި ހިމެނޭ ލަވައިގެ ރީމޭކެކެވެ.
އޭނާ އެންމެފަހުން ލަވައެއް ކިޔާފައިވަނީ މިދިޔަ އޯގަސްޓްމަހު ނެރުނު ފިލްމް "ލައިގާ" އަށެވެ.
ސަރެގަމަޕަ ލިލް ޗެމްޕިއަން އާއި އިންޑިއަން އައިޑޮލް ސީޒަން 6 ގައި ވެސް ކުޅަދާނަ ލަވަތަކެއް ހުށަހަޅައިދީފައިވާ ފަންނާނެކެވެ.
މި ފެށޭ 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ މިއުޒިކް ޝޯވ އޮންނާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގަ އެވެ. އެރޭގެ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯ އަށް ވަނުން ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.
"މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ބާއްވާ މިއުޒިކް ޝޯވގައި ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!