ށ. މިލަންދޫ ބަނދަރުގައި މިލަންދޫ ބަނދަރުގައި އެރަށް ރަމްޒުކޮށްދޭ ބިނާއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އެރަށު ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އެރަށު ބަނދަރުގައި މިލަންދޫ ރަމްޒުވާގޮތަށް ބިނާއެއް ތައްޔާރުކުރަންބޭނުންވާތީ، މިބިނާ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ.

Ad
rt

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ ޑިސެމްބަރު 31 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވެސް ވަނީ އެދިފަ އެވެ.

މިކަމާއި ގުޅިގެން މިލަންދޫ ކައުންސިލުގެ ރައީސް އަބްދުﷲ އާތިފް "ތިލަދުން" އަށް ވިދާޅުވީ މިހާރު މި ހުޅުވައިލީ ފަރުމާ ކުރުމަށް ކަމަށާއި އަމަލީ މަސައްކަތް ފެށޭވަރުވާނީ އަންނަ އަހަރު ކަމަށެވެ. އެގޮތުން އަންނައަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބިނާއިން ރަމްޒުކޮށްދޭން ބޭނުންވަނީ ރަށަށް ހާއްސަ މޮނިއުމެންޓެއް ކަމަށާއި އެގޮތުން ބޮޑުއީދުގައި އެރަށުގައި ކުޅޭ ކޯޑި އަދި ރަށުގެ ގިނަބަޔަކު ކުރާ މަސައްކަތް ކަމަށްވާ ކޮންސްޓްރަކްޝަން މަސައްކަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ގޮތަށް. އަދި ރަށުގެ ނަން ފެންނަން އިންނަގޮތަށް. އޭގެ ކައިރީގައި މީހުން ފޮޓޯ ނަގާ ހެދޭނެ ރީތި ފަރުމާއެއް. މިރަށުގައި ޒަމާނުއްސުރެ ކުޅޭ ބޮޑުއީދު ކޯޑި މިހާރުވަނީ ރަށުގެ ތަރިކައެއްގެ ގޮތުގައި ވެސް ހިމަނާފަ. އެހެންވެ، އެއީ ވަަރށް މުހިންމު ކަމެއް. އަދި މިރަށުގެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ކޮންސްޓްރަކްޝަން މަސައްކަތް. އެހެންވީމަ މިކަންކަމަށް މި ފަރުމާގެ އިސްކަންދޭންވާނެ." އާތިފް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ހުށަހަޅާ ފަރުމާތަކުގެގ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 15،000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ހުށަހަޅާ ފަރުމާތަކަށް އިންސާފުކުރާނީ އެކަމަށް ހާއްސަ ކޮމެޓީއަކުން ކަމަށެވެ.

އާތިފް ވިދާޅުވީ އެރަށުގެ ޒުވާނުންގެ ތެރޭގައި ވެސް މިފަދަ ފަރުމާތައް ކުރާ ކުދިން އުޅޭ ކަމަށާއި އެކުދިންނާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ކުދިން ވެސް މިކަމުގައު ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

https://www.gazette.gov.mv/iulaan/218680