ވަައި ނުސާފު މިންވަރަށް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މި އިލްތިމާސް ކޮށްފައި މިވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސް ވަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރަމުން އަންނަ ކަމަށް، ރާއްޖޭގެ މޫސުމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

Ad
rt

އެ އިދާރާއިން އިއްޔެ ވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސް ވަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ހާއްސަކޮށް އުތުރާއި މެދު ރާއްޖޭގެ ސަރަޙައްދުތަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވާ ކަމަށް ވިދާޅުވެފައެވެ.

މިކަން ބޮޑަށް ފާހަގަ ކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭއިން މިއަދު ވިދާޅުވީ، ވައި ސާފުކަމުގެ މިންވަރު ބެލުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ލިންކް އިން ނުވަތަ IQAir Visual އެޕް އަޅައިގެން ބެލުމަށް އެދޭކަމަށެވެ. އަދި ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އެދިފައެވެ.

ވައި ނުސާފުވާނެ މިންވަރާއި ގުޅިގެން އެޗްޕީއޭގެ ސިއްހީ ލަފާ

  • ރަނގަޅު މިންވަރެއް 0-50: (ވައިގެ ކޮލިޓީ ރަނގަޅު މިންވަރެއްގައި، ނުރައްކާ ކުޑަ ނުވަތަ ނުރައްކަލެއް ނެތް)
  • މެދު މިނުގެ މިންވަރެއް 51-100: (ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރުގައި އުޅުމުނުން ދުރުހެލިވުން)
  • ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއް 101-150: (އާންމުކޮށް އެންމެނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނާނެ)
  • ސިއްހަތަށް ނުރަނގަޅު 151-200: (އާންމުކޮށް އެންމެނަށް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު)
  • ވަރަށް ސިއްހަތަށް ނުރަނގަޅު 201-300: (އާންމުކޮށް އެންމެނަށް އެކަމުގެ އަސަރު ފާހަގަކުރެވޭނެ. ނާޒުކު ފަރާތްތަކުން ބޭރުގައި އުޅުން ހުއްޓާލަން ޖެހޭ)
  • ނުރައްކާތެރި 300+: (އާންމުކޮށް އެންމެނަށް ވަރަށް ބޮޑަށް އުނދަގޫވުމާއި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ނުރައްކާ ބޮޑު. ބޭރުގައި ހަރަކާތްތެރިވުމުން ދުރުހެލިވާންޖެހޭ)

ވައި ނުސާފުވުމުގެ ނުރައްކާތެރިކަން ތުއްތު ކުދިންނާއި ކުޑަކުދިނާއި އުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު މީހުންނާއި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް އަދި އެކި އެލާޖީ މައްސަލަތައް ހުންނަ މީހުންނަށް އޮންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.