ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ބްރެޒިލްއާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ބުރެޒިލް ޖާގަ ހޯދައިފިއެވެ.

މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

ބްރެޒިލް މިރޭގެ މެޗާއި ކުރިމަތިލީއިރު ފުރަތަމަ އެގާރައަށް ދެ ބަދަލެއް ވަނީ ގެނެސްފައެވެ. ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ނޭމާއަށް އަނިޔާވެފައިވާއިރު، އެ މަގާމަށް އަރުވާފައި ވަނީ ފްރެޑެވެ. އަދި ޑަނީލޯއަށް ވެސް އަނިޔާވުމާއި ގުޅިގެން އެ މަގާމަށް އަރުވާފައި ވަނީ މިލިޓާއޯއެވެ.

މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓުގައި ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ފުރުޞަތެއް ވެސް ތަނަވަސް ކުރެވިފައި ނުވެއެވެ.

ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި ބްރެޒިލްގެ ވިނީސިއަސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ރަފީނިއާ ސްވިޒަލޭންޑްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ހުސްކޮށްހުރި ވިނީސިއަސްއަށް ލިބުނުއިރު، އޭނާ ވަނީ އެއްފަހަރުން އެ ބޯލަ ސްވިޒަލޭންޑް ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް ސްވިޒަލޭންޑްގެ ކީޕަރު ސޮމާ ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފަށް ބްރެޒިލް ނުކުތީ ބަދަލަކާއެކުގައެވެ. މެދުތެރެއަށް ކުޅެމުންއައި ލޫކަސް ޕަކުއޭޓާގެ ބަދަލުގައި ކުޅެން އަރުވާފައި ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ރޮޑްރިގޯއެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ބްރެޒިލުން ލަނޑެއް ޖެހިއެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސްއެވެ. ނަމަވެސް އެ ހަމަލާ އުފެއްދުމުގައި އޮފްސައިޑް މަގާމެއްގައި ހުރި ރިޗާލިޝަންގެ ދައުރު އޮތުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކަސެމީރޯއެވެ.

މި މެޗުން ބަލިވި ނަމަވެސް ސްވިޒަލެންޑަށް ދެވަނަ ބުރަށް ދިއުމުގެ ދޮރު އަދި ބަންދެއް ނުވެއެވެ. ގްރޫޕް ޖީގެ އެއްވަނައިގައި މިވަގުތު ހަ ޕޮއިންޓާއެކުގައި އޮތީ ބްރެޒިލްއެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކުގައި އޮތީ ސްވިޒަލެންޑެވެ. އަދި އެއް ޕޮއިންޓާއެކުގައި ތިން ވަނަ އަދި ހަތަރު ވަނައިގައި އޮތީ ކެމަރޫން އާއި ސާބިއާއެވެ.

މި ގްރޫޕްގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ކެމެރޫންއާ ދެކޮޅަށެވެ. އަދި ސްވިޒަލެންޑް ނުކުންނާނީ ސާބިއާ އާ ދެކޮޅަށެވެ. ސާބިއާ އަތުން މޮޅުވެގެން ސްވިޒަލެންޑަށް ދެވަނަ ބުރަށް ދެވޭނެއެވެ. އަދި ބްރެޒިލް މެޗުގައި ކެމެރޫން ބަލިވެފައި، ސާބިއާ އަދި ސްވިޒަލެންޑް އެއްވަރުވެއްޖެނަމަ، ސްވިޒަލެންޑަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ.