ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ދެކުނު ކޮރެއާއާއި ގާނާ ބައްދަލުކުރި މެޗު ގާނާއިން ކާމިޔާބުކޮށް، އެ ޓީމުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ކުރަމުން އަންނަ އުންމީދަށް ދިރުން ލިބިއްޖެއެވެ.
މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ގާނާއިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.
ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ގާނާއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ގާނާއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު ސަލިސޫއެވެ. މި ލަނޑު ރެފްރީ ފުރަތަމަ ލަނޑެއް ނޫން ކަމަށް ނިންމި ނަމަވެސް ވީއޭއާރުން އިތުރަށް ބެލުމަށް ފަހު އެ ލަނޑު ވަނީ ބަލައިގަނެފައެވެ.
ގާނާގެ ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު ކުދޫސްއެވެ. މި ލަނޑެ އޭނާ ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ޖޯޑަން އަޔޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ގާނާއިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ކޮރެއާ ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. ޓީމް ކުރިއަށް ޖައްސައި ގިނަ އެޓޭކްތަކެއް ގާނާގެ ގޯލަށް ފޮނުވާލިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ކޮރެއާއިން ފުރަތަމަ ލަނޑު ކާމިޔާބު ކުރިއެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ގޫ ސަންއެވެ. ކޮރެއާގެ ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ގޫ ސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ކޮރެއާއިން ނަތީޖާ ހަމަހަމަ ކުރިތާ ހަތް މިނެޓް ފަހުން އަނެއްކާ ވެސް ގާނާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކުދޫސްއެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު ކޮރެއާއިން ޓީމް ކުރިއަށް ޖައްސައި ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. ގިނަ ޗާންސްތަކެއް އެ ޓީމުން ހޯދި ނަމަވެސް މެޗު ނިމުނީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މި ނަތީޖާއާއެކު މި ގުރޫޕްގެ ދެވަނައިގައި އޮތީ ގާނާ ތިން ޕޮއިންޓާއެކުއެވެ. މި ގުރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ ޕޯޗުގަލް އާއި އުރުގުއާއީ ބައްދަލު ކުރާ މެޗު މިރޭ 00:00 ގައި ފަށާނެއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގުރޫޕް ތާވަލުގެ އެއްވަނައަށް އެރުމަށް ފުރުސަތު އޮންނާނެއެވެ.
މި މެޗުން ކޮރެއާ ބަލިވި ނަމަވެސް އަދިވެސް ދެވަނަ ބުރަށް ދިއުމުގެ ހަނި ފުރުޞަތެއް އެ ޓީމަށް ވެސް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!