މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲ، އެ ޤައުމުގެ އާ ބޮޑުވަޒީރުގެ މަގާމަށް، އިއްޔެ އަައްޔަނު ކުރެއްވި އަންވަރު އިބްރާހީމަށް ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރަސްގެފާނު އަބްދުﷲ، ދަތޯ ސެރީ އަންވަރު އިބްރާހީމް މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވީ، މިދިޔަ ހޮނިހިރު ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި، އެ ގައުމުގެ އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުންނެވެ.
އަންވަރަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މެލޭޝިޔާގެ މިފަހަރުގެ އިންތިހާބުގައި، އަންވަރު އިބްރާހީމްގެ އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ ޖުމްލަ 222 ގޮނޑީގެ ތެރެއިން 82 ގޮނޑި އެވެ. އަދި އޭރުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ކޯލިޝަނަށް ކާމިޔާބު ކުރެވުނީ 73 ގޮނޑި އެވެ. ނަތީޖާ މިހެން ނުކުތުމުން ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރެއްވުމަށް ފަހު، ރަސްގެފާނު އަބްދުﷲ ނިންމެވީ، އަގުލަބިއްޔަތު ނުލިބުނު ނަމަވެސް، އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އަންވަރުގެ ކޯލިޝަނުން ކަމަށްވާތީ އަންވަރު ބޮޑުވަޒީރުގެ މަގާމަށް އައްޔަނު ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!