ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން، އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް 1444" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިޑްލް ސްޕޯޓްސް ކުލަބުން ވަނީ "ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތް 1443" ފާއިތުވި އަހަރުގެ ރަމަޟާން މަހުގެ ތެރޭ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ މި މުބާރާތް އެ ކުލަބުގެ ފަރާތުން ބާއްވާ ދެވަނަ ފަހަރެވެ.
މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިއްދޫގައި ދިރިއުޅެމުންދާ އެންމެހާ ފަރާތަކަށް ހުޅުވާލެވިފައި ވީ ނަމަވެސް އެ ކުލަބުން ވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭނޭ ޝަރުތުތަކެއް ކަނޑައަޅާފައެވެ. މިގޮތުން މި މުބާރާތުގައި ބައިވެރު ކުރުމަށް ހަމަޖެހިފައި ވަނީ 01 ޖެނުއަރީ 2023 އަށް 8 އަހަރު ފުރިފައިވާ ފަރާތްތަކެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާނަމަ މުޝްހަފުލް މަދީނާ ރަނގަޅަށް ބަލައިގެން ކިޔަން އެނގެން ޖެހެއެވެ. ޤުރުއާނުގެ އެންމެ ފަހު ތިން ފޮތް (އަންމާ ފޮތާއި ތަބާރަ ފޮތާއި ގަދުސަމިޢަ ފޮތް) ހިތުން އެނގެންޖެހެއެވެ. މުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ރައްޔިތުންގެ އިތުރުން ދިއްދޫގައި ދިރިއުޅެމުންދާ ފަރާތްތަކެވެ. މީގެ އިތުރުން ފާއިތުވި އަހަރުގެ ދިއްދޫ އެންމެ އަލިގަދަ ތަރިއަށް ހޮވުނު ފަރާތަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ އާބާދީގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ތަޖުވީދު ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމާއި، ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމާއި، ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މައްސަރަށް ވީ ހިނދު އެ މައްސަރުގައި ޤުރުއާނަށް ދޭ އަހަންމިއްޔަތު އިތުރު ކުރުމުގެ އިތުރުން އެ ރަށުގައި ހާފިޟުން އުފެއްދުމާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި ދިއްދޫ ތަމްސީލުކުރާނެ ދަރިން ތައްޔާރު ކުރުމެވެ.
މި މުބާރާތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 20 ބައިވެރިންނަށެވެ. މި އަދަދަށްވުރެ ގިނަ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅައިފިނަމަ މުބާރާތަށް 20 ބައިވެރިން ހޮވުމަށް ހަމަޖެހިފައި ވަނީ ބައިވެރިންގެ މެދުގައި އޮޑިޝަން ބާއްވައިގެންނެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ މި މުބާރާތުގެ ފުރަތަމަ ބުރު އަންނަ އަހަރުގެ މާޗު މަހުގެ 23 އަދި 24 ގައި ކުރިއަށް ގެންދާއިރު، ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ 30 އަދި 31، މި ދެ ދުވަހުއެވެ. މުބާރާތުގެ ފައިނަލް ބުރު ވެސް ދެ ރެޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު، ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 6 އަދި 7، މި ދެދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މިޑްލް ސްޕޯޓްސް ކްލަބުގެ އޮފީހަށް ހުށަހެޅުމަށް އެ ކުލަބުން އެދިލައްވައެވެ. ފޯމަ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމް ބަލައިގަންނަ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 11:00 އިން 13:00 އަދި 20:00 އިން 21:00 އަށެވެ. ހުކުރު ދުވަހު ފޯމަ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 21:00 އިން 222:00 އަށެވެ.
ފޯމް: https://docdro.id/ee6jGpa
ގަވައިދު: https://docdro.id/9aPyjk6
މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ. އެ ޖަމިއްޔާގެ 92 މެންބަރުން ހިމެނޭއިރު، އެ ޖަމިއްޔާއަކީ ދިއްދޫއަށް ރީތި ނަން ހޯދައިދިނުމަށާއި ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!