އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއުއެމް) ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކާނިވަލް ބާއްވާނީ އަންނަ މަހުގެ ދޭއްް ވާ ހުކުރު ދުވަހުއެވެ. މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ.

Ad
rt

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ހަރަކާތެކެވެ. ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން މިފަހަރުގެ ކާނިވަލުގައިވެސް ބިދޭސި މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ.

އެމްއެމްޑަބްލިއުއެމް އަށް މި ކާނިވާ ކުރިއަށް ގެންދިޔުމުގައި ވޭތުވެދިޔަ އަހަރު އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް އެމްއެމްޑަބްލިއުއެމްގެ މައި ސްޕޮންސަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަރަކާތްތެރިވުމަކީ އެޖަމްޢިއްޔާއިން ނުހަނު އުފާކުރާ ކަމެއްކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ހެނދުނު 8:00 އިން ފެށިގެން 18:00 އާހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އެ ބޯޑުގެ މުވައްޒަފުންނެވެ.

ބިދޭސި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުން އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި މިފަދައިން ބިދޭސި މަސައްކަތްތެރިން ހިމަނައިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަކީ ޖަމްޢިއްޔާއިން ނުހަނު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގައި ދީލަތި އެހީތެރިންނާއި ސްޕޮންސަރުންގެ އެއްބާރުލުން މި ފުރުސަތުގައި ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެއެވެ.

އެމްއެމްޑަބްލިއުއެމް އިން އުންމީދު ކުރަނީ ވޭތުވެދިޔަ އަހަރާ އެއްގޮތަށް މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް ގިނަ އަދަދެއްގެ ބިދޭސި މަސައްކަތްތެރިންނާއި އެމީހުންގެ ޓީމުތައް ބައިވެރިވެ، ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމެވެ. އެހެންކަމުން ކްރިކެޓް ޓީމުތަކަށް، އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެ ޖަމިއްޔާގެ ހޮޓްލައިން 9607384994+ އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

ރަޖިސްޓްރީ ކުރުމުތެ އެންމެ ފަހު ތާރީޚަކީ 29 ނޮވެމްބަރު 2022 އެވެ.