ސްޕެނިޝް ލީގުގައި މި މަހުގެ 8 ވަނަ ދުވަހުގެ އޮސަސޫނާ އަތުން ބާސެލޯނާ 2-1 ގެ ނަތީޖާއިން މޮޅުވި މެޗުގައި ބާސެލޯނާގެ ފޯވާޑް ލެވަންޑޯސްކީއަށް ދެއްކި ރަތްކާޑާއި ގުޅިގެން އޭނާ ތިން މެޗަށް ސަސްޕެނޑް ކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ލެވަންޑޯސްކީއަށް އެ މެޗުގައި ރަތްކާޑު ދައްކާފައި ވަނީ މެޗުގެ 31 ވަނަ މިނެޓުގައި އޮސަސޫނާގެ ޑޭވިޑް ގާސިއާގެ މޫނުމަތީގައި އުޅަނބޮށިން ޖެހުމާއި ގުޅިގެންނެވެ. އެ ފައުލާއި ގުޅިގެން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ލެވަންޑޯސްކީއަށް ރަތްކާޑު ދައްކާފައެވެ.
ލެވަންޑޯސްކީއަށް ދެއްކި ރަތްކާޑާއި ގުޅިގެން ތިން މެޗުގެ ސަސްޕެންޝަނެއް އައިސްފައި މި ވަނީ ރަތްކާޑަށް ފަހު ރެފްރީގެ ކުރިމަތީ އޭނާ ގެ އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުންނެވެ. މިއީ އޭނާގެ ކެރިއާގައި ދެއްކި ދެވަނަ ރަތްކާޑެވެ.
މީގެއިތުރުން އެ މެޗުގެ ހާފްޓައިމްގައި ބާސާގެ ޑިފެންޑަރ ރެފްރީންނާއި ބޭއަދަބީކޮށް މުޢާމަލާތް ކުރުމުގެ ސަބަބުން ރެފްރީ ވަނީ ޕީކޭއަށް ވެސް ރަތްކާޑް ދައްކާފައެވެ. އޭނާގެ އެ އަމަލާއި ގުޅިގެން ހަތަރު މެޗަށް ވަނީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެ މެޗަށް ފަހު ޕީކޭ ވަނީ ފުޓްބޯޅައިން ރިޓަޔަރ ކޮށްފައެވެ.
މިވަގުތު ލެވަންޑޯސްކީ ހުރީ ވޯލްޑް ކަޕްގައި ވާދަކުރާ ޕޮލެންޑް ޓީމާއިއެކު ގަތަރުގައެވެ. ޕޮލެންޑްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ލެވަންޑޯސްކީއަކީ އެ ޓީމްގައި ވެސް ހުރި އެންމެ މުހިންމު ކުޅުންތެރިޔާއެވެ.
ވޯލްޑް ކަޕަށްފަހު ލަލީގާގައި ބާސާ އާއި އެސްޕަނިޔޯލް، އެތުލެޓިކޯ މެޑްރިޑް އަދި ގެޓާފޭއާއި ބައްދަލުކުރާ މެޗުތަކުގައި ލެވަންޑޯސްކީއަށް ނުކުޅެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!