މިދިޔަ އޮކްޓޯބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ, މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 24 އިންސައްތަ އިތުރުވެއްޖެއެވެ.
ކަސްޓަމްސް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 364 މިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނީ 294 މިލިއަން ރުފިޔާއެވެ.
ފާއިތުވި އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގުވެސް ވަނީ، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައިބަލާއިރު 14 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓުކުރީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއާއި އޮމާނާއި ސިންގަޕޫރާއި ޔޫއޭއީ އަދި ޗައިނާއިންނެވެ. އެގޮތުން، އިންޑިއާއިން 681 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 513 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޫރުން 510 މިލިއަން ރުފިޔާގެ މުދާ، ޔޫއޭއީން 490 މިލިއަން ރުފިޔާގެ މުދާ، އަދި ޗައިނާއިން 462 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
އިމްޕޯޓާއި އާމްދަނީ އިތުރުވިނަމަވެސް މިދިޔަ މަހު އެކްސްޕޯޓް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 219 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރަށް ފޮނުވިއިރު، މިއަހަރުގެ އޮކްޓޯބަރު މަހު އެކްސްޕޯޓުކޮށްފައިވަނީ 186 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު އެންމެ ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!