އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް އާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު އަކްރަމް، ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެންފި އެވެ.

އެ ދެބޭފުޅުން އެ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ މުލީއާގޭގައި މި މަހުގެ 10 ވީ ބްރާސްފަތި ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

Ad
rt

"ތިލަދުން" އަށް ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އޭނާ ވެސް އަދި ޝަރީފް ވެސް އެމްޑީޕީއަށް ސޮއި ކުރައްވާފައިވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އައްޔަންކުރެއްވި ޝަރީފަކީ އޭރު، ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވުމާއިއެކު، އެ އަރިސްކަމަށް ބުރޫ އަރައި، ޕީޕީއެމް އިން ވަނީ އެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ޝަރީފަަށް އަމާޒުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަން ކުރެއްވި އަދި ސްޓެލްކޯގެ އެމްޑީގެ މަގާމު މިހާރުއަދާކުރައްވަމުން ގެންދަވާ ޝަރީފް، މިފަހުން ގެންދަވަނީ ރައީސް ސާލިހަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަމުން ނެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ އަކްރަމް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ގޮތުން ބަލަމުންދިޔަ ސްލޫކީ މައްސަލައަކާ ގުޅިގެން މަޖިލީހުގެ މިނިވަން މުވައްސަސާ ކޮމިޓީން، އޭނާ ވަކިކުރަން ނިންމާފައި ވަނިކޮށެވެ.