ކަރަބޯ ކަޕް ނުވަތަ އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
ރޭ މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިން އެސްޓަންވިލާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އެސްޓަން ވިލާއިންނެވެ. ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިތާ ތިން މިނެޓްގެ ތެރޭ ރަމްސޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވަޓްކިންސްއެވެ. ނަމަވެސް އެސްޓަން ވިލާއަށް ލީޑުގައި އޮވެވުނީ މަދު ވަގުތުކޮޅެއްގައެވެ. ޖެހިގެން އައި މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާޝިއަލް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
އެސްޓަން ވިލާއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ލިބިފައި ވަނީ 61 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރ ޑިއެގޯ ޑަލޮޓް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.
ޔުނައިޓެޑުން ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ލަނޑުޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ. ޔުނައިޓެޑަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބިފައި ވަނީ 78 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ގަނާޗޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެކްޓޮމިނޭއެވެ.
މުބާރާތުގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ބާންލީއާއެވެ. ހަތަރުވަނަ ބުރު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަސް ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!