މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ބިލެތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ށ. ބިލެތްފަހި ކައުންސިލުންވަނީ އެ ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުންވަނީ ބިލެއްފައްސައް ކޮށްދެއްވަން ރައީސް ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަކަންކަމުގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބިލެތްފަހި ކައުންސިލުން ފާހަގަކުރެއްވިކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށާއި، އ.ތ.މ. ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދެވެން ހުރި ކަންކަން އެކަމާއި ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައި ސާވޭކުރުމަށްފަހު ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެންމެ ފަހުން އިއުލާންކޮށްފައިވަނީ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ ކުރިންވެސް ދެފަހަރެއްގެ މަތިން އިޢުލާންކޮށްފައިވެއެވެ.
މި 6 އެއަރޕޯޓް ތަރައްޤީކުރުމަށް 133މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ހައުސިންގ މިނިސްޓްރީން އަންދާޒާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!