ޒަމާނީ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަބަޔަކުދެކޭ، ސްޕެއިން އަކީ ދުނިޔޭގެ ފެންވަރުގައިވެސް އަދި ޔޫރަޕުގައި ވެސް ފުޓްބޯޅައިގެ ގަދަ ބާރެކެވެ. ސްޕެއިން މިފަހަރުގެ ވޯލްޑް ކަޕަށް ނިކުންނަނީ 2010 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމުގެ އުންމީދުގައެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ޓީމު ވަރުގަދަވާނެ އެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ސްޕެއިން އަށް ބޮޑު ތަފާތެއް ދެއްކެން ފެށުނީ 2008ގެ ޔޫރޯ ކާމިޔާބުކުރި ހިސާބުންނެވެ. އޭގެ ފަހުން ސްޕެއިން ވަނީ 2010ގެ ވޯލްޑް ކަޕާއި 2012ގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. ސްޕެއިންގެ "ރަންޖީީލު"ގައި ހިމެނުނު ކުޅުންތެރިން ކަމަށްވާ އަންދުރެސް އިނިއެސްޓާ އާއި ޒަވީ ހޭނާންޑޭޒް އާއި ޑޭވިޑް ވިޔާ އަދި ފެނާންޑޯ ޓޮރޭސް ފަދަ ކުޅުންތެރިންނާ އެކު ސްޕެއިން ވެގެންދިޔައީ ތަފާތު މޮޅު ޓީމަކަށެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު، މީގެން އެއްވެސް ކުޅުންތެރިއަކު ނެތެވެ.

Ad
rt

ސްޕެއިން ޓީމު މިފަހަރުގެ މުބާރާތާއި ކުރިމަތި ލަނީ ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ސްކޮޑަކާއި އެކުގައެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ބަދަލުތަކާ އެކު ސްޕެއިން ނުކުންނަނީ، ރަނގަޅު ނަތީޖާއެއްގެ އުންމީދުގަ އެވެ.

ކޮލިފައިވީ ގޮތް

ސްޕެއިން ވޯލްޑް ކަޕުން ޖާގަ ހޯދީ ކޮލިފައިން ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އެވެ. އެއްވަރުވީިއިރު، އެއްމެޗުން ބަލިވިއެވެ. ސްޕެއިން ވޯލްޑް ކަޕަށް ކޮލިފައިވީ 19 ޕޮއިންޓާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

ޕަބްލޯ ގަވީ

ޕަބްލޯ ގަވީއަކީ ސްޕެއިން ޓީމުގައި މިވަގުތު ހުރި އެންމެ ޒުވާން އަދި އެންމެ ހުނަރުވެރި މިޑްފީލްޑަރ ކުޅުންތެރިޔާއެވެ. ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ގަވީ މިދިޔަ އަހަރު ފީފާއިން ހޮވި އެންމެ ޒުވާން ކުޅުންތެރިޔާގެ މަޤާމުވެސް ލިބުނު ކުޅުންތެރިޔާއެވެ. ސްޕެއިންގެ ޔޫތް ޓީމަށް ކުޅުމަށް ފަހު އުމުރުން 18 އަހަރުގެ ގަވީ ސްޕެއިންގެ ސީނިއަރ ޓީމަށް ކުޅެން ފެށީ 2021 ވަނަ އަހަރުގައެވެ. މިހާތަނަށް ސްޕެއިން ޓީމަށް 12 މެޗު ކުޅެދީފައިވާއިރު، އެއް ލަނޑު ޖަހާފައިވެއެވެ.

ސާޖިއޯ ބުސްކެޓްސް

މިފަހަރު ގައުމީ ޓީމުގެ ބޭންޑް އަޅައިގެން ނުކުންނާނީ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކަޓްސްއެވެ. ބާސެލޯނާގެ ޔޫތު ޓީމުން ވިދާލި ބުސްކެޓްސް އަކީ މިފަހަރު ސްޕެއިން ޓީމުގެ ފަހަތް ބެލެހެއްޓުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގާނެ ކުޅުންތެރިއާއެވެ.
ބާސާއާއެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ހޯދުމުގެ އިތުރުން އެތައް ކާމިޔާބީތަކެއް ވެސް ހޯދާފައިވާ
ބުސްކެޓްސް ސްޕެއިން ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް ސްޕެއިން ޓީމަށް 139 މެޗު ކުޅެދީފައެވެ. ބުސްކަޓްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް، އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިންއާއި އެކު ކުޅެފައެވެ.

ކޯޗު

މިފަހަރުގެ ވޯލްޑް ކަޕާއި ސްޕެއިން ކުރިމަތިލާނީ އެގައުމަށް އުފަން ކާމިޔާބު ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުންނެވެ. އެންރީކޭ އަކީ ކޯޗިން ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ މަޝްހޫރު ކޯޗެކެވެ. ސްޕެއިންގެ ބާސެލޯނާއާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އިތުރުން އެންރީކޭ ވަނީ 2020 ވަނަ އަހަރުގެ ނޭޝަންސް ލީގު ފައިނަލަށް ސްޕެއިން ޓީމު ގެންގޮސްދީފައެވެ.
ބާސެލޯނާގެ ބީ ޓީމުން ކެރިއަރު ފެށި އެންރީކޭ ސްޕެއިން ގައުމީ ޓީމާއި ހަވާލުވީ 2018 ވަނަ އަހަރުއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި އަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިން ހިމެނެނީ ގުރޫޕް އީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ކޮސްޓަރީކާ ، ޖަރުމަން އަދި ޖަޕާނެވެ. މި ގުރޫޕަކީ ސްޕެއިންއަށް އެހާ ފަސޭހަ ގުރޫޕަކަށް ނުވާނެއެވެ. ނަމަވެސް ދެވަނަ ބުރުން ސްޕެއިންއަށް ޖާގައެއް ލިބިދާނެ ކަމަށް ބެލެވެއެވެ.