ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގެ ތަރައްޤީއަށް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަކަންކަމުގެ މަސައްކަތް ހިނގަމުންދާކަމަށް ބިލެއްފަހި ކައުންސިލުން ވިދާޅުވެއްޖެ އެވެ.

އެކައުންސިލުން މިހެން ވިދާޅުވީ އެ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމުގެ ތެރެއިންނެވެ.

Ad
rt

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބިލެތްފަހި ކައުންސިލުން ފާހަގަކުރެއްވިކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެރަށު އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެކަމަށާއި، އ.ތ.މ. ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދެވެން ހުރި ކަންކަން އެކަމާއި ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައި ސާވޭކުރުމަށްފަހު ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުންވަނީ އެ ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ބިލެތްފަހީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ބިލެތްފަހީގެ ބަނދަރު މަޝްރޫޢު ކުރިއަށްދާއިރު އެމަޝްރޫޢުގެ ތެރެއިން ރައްޔިތުން ކުރަން ބޭނުންވާކަންކަން ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ.

އެގޮތުން ރަށުގެ ލަފާފުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ ނެރުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ދޯނި އެހެލުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު ކައުންސިލުންވަނީ ރަށުގެ ޒުވާނުންނަށް ޚާއްޞަ ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށްދެއްވުމަށް ރައީސްގެ އަރިހުގައި ދަންނަވާފައެވެ. މީގެ އިތުރުން ކައުންސިލުންވަނީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބޭނުންވާކަމަށާއި، އެއާޕޯޓުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރަށުގެ ކުނިކޮށީގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ރައީސް އާއި ޙިއްޞާކުރައްވާފައެވެ.

ބިލެތްފަހީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެކޮމެޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓް ނެތުމާއި، އެކޮމެޓީގެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައެއްނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސް އާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން އަންހެނުންނަށް ޚާއްޞަ އިންޑޯ ޖިމެއް ބޭނުންވާކަމުގައި އ.ތ.މ. ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ އެބޭފުޅުން ޙިއްޞާކުރެއްވި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ދެއްވި ޖަވާބުތަކާމެދު ހިތްހަމަޖެހޭކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.