ނ. ހޮޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) ހަވާލުކުރައްވައިފި އެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ޑިޒައިން އެންޑް ބިލްޑް އޮފް މޭޖަރ ރޯޑްސް އެޓް ނ. ހޮޅުދޫ" ގެ ނަން ދީފައިވާ މި މަޝްރޫއު އާރްޑީސީ އާ ހަވާލުކުރެއްވި 71,089,120.65 (ހަތްދިހަ އެއްމިލިއަން އަށްޑިހަ ނުވަހާސް އެއްސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ.
މި މަޝްރޫޢުގެ ދަށުން 4.3 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް، މަގުތަކުގައި މަގުބައްތިޖަހާނެ އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.
ޕްލޭނިންގ މިނިސްޓްރީން މިއަދުވަނީ ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުމާއި ރ. އިންނަމާދު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!