ނަފްސާނީ ދުޅަހެޔޮކަން ދުނިޔޭގެ ފެންވަރުގައި އިސްކަންދެވޭ ކަަމަކަށް ހެދުމަށްޓަކައި މީހުން ހޭލުންތެރިކުރުވުމަށް މުޅި މުޖުތަމައު މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރާ ވޯލްޑް މެންޓަލް ހެލްތު ޑޭ އާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތް ހެދުމަކީ އެންމެންނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އެކަށީގެންވާ އަގެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތް ހެދުމަކީ އެންމެނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވި އެވެ.
ވޯލްޑް މެންޓަލް ހެލްތު ޑޭ ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަސް ފާހަަގަ ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރި ކުރުވުމެވެ.
މި ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން ނެވެ.
މިހާރު ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް 2019 ވަނަ އަހަރު، އައިޖީއެމްއެޗުގައި ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާރޓްމަންޓުގެ ނަމުގައި ޑިޕާޓްމަންޓެއް ހުޅުވައި، ޚިދުމަތްދެމުން އަންނައިރު، އެ ޑިޕާޓްމެންޓުން މިހައިތަނަށް 51،803 މީހުންނަށް ވަނީ ޚިދުމަތް ދީފަ އެވެ.
މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް މެންޓަލް ހެލްތް ސެންޓަރެއް ރަސްމީކޮށް މިއަދު ވަނީ ހުޅުވާފަ އެވެ.
އެކި ތެރަޕީގެ ޚިދުމަތްތައް މި ސެންޓަރުން ލިބެން ހުންނައިރު، އެގޮތުން ވަކިވަކިން ކައުންސިލިންގ ދިނުމާއި ތެރަޕީތައް ދިނުމާއި ގުރޫޕް ކައުންސިލިންގ ސެޝަންތައް ވެސް މި ސެންޓަރުން ނަގައިދިނުމަށް ވަނީ ނިންމާފަ އެވެ.
މި ސެންޓަރުގައި ޚިދުމަތް ދެއްވުމަށް 2 ސައިކޭޓްރިސްޓުންނާއި ކައުންސިލަރަކު މިވަގުތު ހަރަކާތްތެރިވަމުން އަންނައިރު، ފަރުވާދޭ ދެ ކޮޓަރި އާއި 2 ކޮންފަރެންސް ރޫމް މި ސެންޓަރުގައި ހުރެއެވެ. މި ސެންޓަރުން ޚިދުމަތް ހޯދުމަށް 1417 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!