ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމުގައި ވިދާޅުވެ، އެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިންކަމުގައި ސިފަކުރައްވާފައެވެ.
ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ހިތްވަރުގަދަ ސިފައިންކަމަށާއި، އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަމުގައެވެ. އަދި، އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށް ވެސް މިހާރު ކުރިއަށް ދެވޭނެކަމަށާއި އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ޢަސްކަރިއްޔާއެއްގެ ވާޖިބުތަކާއި ޒިންމާތަކަކީ ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ނިމިގެންދާ މަސައްކަތެއް ނޫން. ކޮންމެ ދުވަހެއްގެ 24 ގަޑިއިރު، ޤައުމީ ޚިދުމަތުގައި ސިފައިން ސާބިތުވެ ތިބުމުގެ ފަހަތުގައިވަނީ، ސިފައިންގެ ޢާއިލާތަކުން ވަމުންދާ މަތިވެރި ޤުރުބާނީ. ޢާއިލާއާ ވަކިން އެތައް ދުވަހެއް ވަންދެން ޤައުމީ ޚިދުމަތުގައި ސިފައިން ދެމިތިބޭއިރު، ކެތްތެރިކަމާއެކު ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން."
ރައީސް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ވެސް ރައީސް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޢަސްކަރީ ވާޖިބުތަކުގެ އިތުރުން މަދަނީ އެތައް ޚިދުމަތްތަކެއް ވެސް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ، ބައެއްކަން ހާމަކުރައްވަމުން ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދިން އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކޮށް، "އިންސާނީ ޚިދުމަތުގެ މެޑެލި-ކޮވިޑް19" ދިވެހި ސިފައިންނަށް ދިނުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.
އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ފާއިތުވި ދެއަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް މިހާރު ވަނީ އިތުރުކުރެވިފައެވެ. މީގެ އިތުރުން ވެސް ޤައުމުގެ ދިފާޢުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދިފައިވާކަމަށާއި، ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުންކަން އެމަނިފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަމުގައި ދިވެހި ޢަސްކަރިއްޔާއިން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!