އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާއި ދޮގުހެދުމުގެ ނުބައި ސިފަތަކުން މުޖުތަމަޢު ޠާހިރުކޮށްފިނަމަ، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގައި ދިވެހިން ވެގެންދާނީ ލާމަސީލު މިސާލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާޠަބުކުރައްވައި އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޤައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު އެމަނިކުފާނު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްޤީގެ ގޮތުގައެވެ. އަދި އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ ޢުމްރާނީ ބިނާތަކާއި މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަޚްލާޤީ ގޮތުން ރައްޔިތުން ޠާހިރުކުރުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހީންގެ ފަޚުރުވެރި މާޒީއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް ކަމަށާއި، އެއީ މާތް އަޚްލާޤާއި މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ އުޖާލާ މާޒީއެއް ކަމަށެވެ. އެ ޒަމާނުގައި އޮތް ރީތި އާދަތަކުގެ ތެރެއިން ވަގުތަށް ކަމޭހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ އާދައިގެ މުވައްޒަފެއް ކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއް ކަމަށް ވިޔަސް ނުވަތަ އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް، އެ ޒަމާނުގައި ވަގުތަށް ކަމޭހިތުމަކީ ވަރަށް ބޮޑު އިސްކަމެއް ދިން ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ކޮންމެ ފަރުދަކުވެސް އެމީހެއްގެ މަސްއޫލިއްޔަތަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރަސްމިއްޔާތުގައި ގޮވާލައްވާފައެވެ.