މޫސުމީ ކޮންމެ ނުރައްކަލަކީ އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ސީދާ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށާއި، ގްރީން ފައިނޭންސިންގެ ފުރުސަތުތައް ފަހިކުރުމަކީ މާލީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މި އަހަރުގެ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" މި ޝިއާރުގެ ދަށުންނެވެ.
ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ރާއްޖެއަށް މޫސުމަށް އަންނަ ބަދަލުތަކަކީ ގައުމުގެ އިގުތިސާދަށާއި، ތަރައްގީގެ އަމާޒުތަކަށް އަދި ރައްޔިތުންގެ ދިރިއުޅުމަށް ވެސް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައާއި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުތަކާއި ގުދުރަތީ ވެށި މުހިންމު ދައުރެއް އަދާކުރާތީ، މި ވަސީލަތްތައް ރައްކާތެރިކުރުމަކީ އިގުތިސާދީ އަދި މާލީ ގޮތުން މަޖުބޫރު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް-31 ގައި އިސްކަންދެއްވި މައިގަނޑު ތިން ކަމަކަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެއީ ކްލައިމެޓް ފައިނޭންސް ހޯދުމާއި، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުމުގެ އިތުރުން ކަންކަން އަމަލީ ގޮތުން ތަންފީޒުކުރުމެވެ. މި ކަންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް، ފަސޭހައިން ލިބޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވާ މާލީ އެހީތެރިކަން މުހިންމު ކަމަށެވެ.
ދަރަނީގެ ބުރައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މޫސުމީ ނުރައްކަލަކީ އިގްތިސާދީ ނުރައްކަލެއް. އަދި އިގްތިސާދީ ނުރައްކާތައް މެނޭޖުކުރަންޖެހޭނެ، މިއީ އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ނުޖެހޭނެހެން ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ "ވިޝަން 2040" ހާސިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންފްރާސްޓްރަކްޗާ، އިއާދަކުރަނިވި ހަކަތަ، ފެނުގެ ރައްކާތެރިކަން އަދި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވެއެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓާއި ބައިނަލްއަގުވާމީ ހިލޭ އެހީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދަންޖެހޭ ކަމަށާއި، ގްރީން ފައިނޭންސް މުހިންމުވަނީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި އިގުތިސާދީ އަގު އުފައްދާ އިންވެސްޓްމަންޓްތަކަށް ރައުސްމާލު އަމާޒުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!