އިންޓަނެޓް މެދުވެރިކޮށް ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، ބިރުދައްކައިގެން ބަރަހަނާ މަންޒަރު ހޯދި އިންޑިއާއަށް ނިސްބަތްވާ 27 އަހަރުގެ ދަރިވަރަކު 30 އަހަރަށް ޖަލަށް ލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޗެސްޓަރ ކްރައުން ކޯޓުގައި ހުކުމް އިއްވާފައިވަނީ ބިލާލް ކާޒީގެ މައްޗަށެވެ. އޭނާ ވަނީ ކުޑަކުދިންނަށް އޮންލައިންކޮށް ޖިންސީ ގޯނާކުރުމާ ގުޅޭ ގިނަ ދައުވާތަކަކަށް ކޯޓުގައި އިއުތިރާފުވެފައެވެ. ޝަރީއަތުގެ މަޖިލީހުގައި ހާމަވި ގޮތުގައި، ކާޒީ ވަނީ އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ އަންހެން ކުދިންގެ އިތުބާރު ހޯދުމަށްޓަކައި، ސޯޝަލް މީޑިއާ އާއި ގޭމިން ޕްލެޓްފޯމުތަކުގައި ފުރާވަރުގެ ފިރިހެން ކުއްޖެއްގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން މުއާމަލާތުކޮށްފައެވެ.
ޔޫކޭގެ ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) ގެ ސްޕެޝަލިސްޓް ޕްރޮސެކިއުޓަރ މާޓިން މެކްރޮބް ވިދާޅުވީ، ކާޒީ އަމަލުކޮށްފައިވަނީ ނާޒުކު ހާލަތުގައި ތިބި ގިނަ އަދަދެއްގެ ކުދިން ހެއްލުންތެރިކުރުވައިގެން ނުހަނު އަނިޔާވެރި ގޮތަކަށް ކަމަށެވެ. އަދި އޮންލައިންކޮށް ރަހުމަތްތެރިކަން އުފައްދައި، އެ ކުދިން ލައްވާ ޖިންސީ އަމަލުތައް ހިންގުވައި ވީޑިއޯ އާއި ފޮޓޯ ނެގުމަށް މަޖުބޫރުކުރުވި ކަމަށާއި، އޭނާގެ ޑިމާންޑުތަކަށް ދެކޮޅު ހެދި ކުދިންގެ ބަރަހަނާ މަންޒަރު އާންމުކުރާނެ ކަމަށް ބުނެ ބްލެކްމެއިލް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ކާޒީ ވިކްޓިމުންނާ ގުޅުން ގާއިމުކުރަނީ "ރީސް" ކިޔާ ދޮން ނަސްލުގެ އިނގިރޭސި ފުރާވަރު ފިރިހެން ކުއްޖެއްގެ ނަމުގައެވެ. އަދި ސްނެޕްޗެޓް، ރޮބްލޮކްސް އަދި ވިންކް ފަދަ ޕްލެޓްފޯމުތައް މެދުވެރިކޮށް، ދޮގު ފޮޓޯ ބޭނުންކޮށްގެން އެ ކުދިންނާއެކު ލޯބީގެ ޝަހުވަތްތެރި ގުޅުމެއް އޮތް ކަމަށް ދެއްކިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އައީ އޭނާގެ ޝިކާރައަކަށްވި އުމުރުން 13 އަހަރުގެ ކުއްޖަކު 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑާބިޝަޔަރ ޕޮލިހަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ކުއްޖާ ކާޒީއާ މުއާމަލާތު ހުއްޓާލަން އުޅުމުން އޭނާ ވަނީ އެ ކުއްޖާ ބިރުގަންނަވައި، އެ ކުއްޖާގެ ސްނެޕްޗެޓް އެކައުންޓް ހެކްކޮށް އެކުވެރިންނަށް ބަރަހަނާ ފޮޓޯތައް ފޮނުވާފައެވެ.
ތަހުގީގު ކުރިއަށްދަނިކޮށް ކާޒީ ޔޫކޭ ދޫކޮށް ގޮސްފައިވީ ނަމަވެސް، އެނބުރި ޔޫކޭއަށް އައި ވަގުތު 2023 ވަނަ އަހަރުގެ ޖުލައި މަހު ހީތުރޯ އެއާޕޯޓުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ބޮޑު ތަހުގީގުގައި އޭނާގެ ޑިވައިސްތައް ތަހުލީލުކޮށްގެން 180 ވިކްޓިމުން ދެނެގަތެވެ. އޭގެ ތެރެއިން ޔޫކޭގެ 28 ޕޮލިސް ފޯސް ސަރަހައްދަކުން، އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ 70 ކުއްޖަކު ވަނީ ކަށަވަރުކޮށް، އެ ކުދިންނާ ފުލުހުން ވަކިން ބައްދަލުކޮށް ބަޔާން ނަގާފައެވެ.
ޗެޝަޔަރ ކޮންސްޓެބިއުލަރީން ފާހަގަކުރި ގޮތުގައި، ކާޒީގެ މި އަމަލުތަކުގެ ސަބަބުން ކުޑަކުދިންނަށް ނަފްސާނީ ގޮތުން ދިގުމުއްދަތުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި މި ހުކުމަކީ ސްކްރީންތަކުގެ ފުރަގަހުގައި ފިލައިތިބެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކަށް ދެވުނު ވަރުގަދަ އިންޒާރެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!