އަޅުގަނޑުމެންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫޙަކީ އެކަކު އަނެކަކަށް އިޙުތިރާމް ކުރުމާއި ޤަދަރުކުރުންކަން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ އަދި އެކަކު އަނެކެއްގެ ލެޔާއި، މުދަލާއި ޢަބުރު ރައްކާތެރިކުރާ ބަޔަކަށް ދިވެހިން ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަނަމަވެސް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ސަމާލުވާންޖެހޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޖުތަމަޢުގެ ތެރޭގައި ފެންނަ ނުރަނގަޅު އާދަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމުގެ އިތުރުން މީހުން ދަށްކޮށްލުން ފަދަ ކަންކަމުން އެންމެންވެސް ދުރުހެލިވާންޖެހޭ ކަމަށެވެ. ހަމައެއާއެކު، ޣީބަބުނުމާއި އާޑަފުރައްސާރަ ކުރުމުގެ ނުބައި ޢަމަލުތަކާ ކައިރިނުވުމަށް ޢަޒުމް ކަނޑައެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވިއެވެ. ދިވެހީންގެ އުޅުންތަކާ ގުޅުންތައް މިގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މި އިސްލާމީ ޤައުމަކީ، މާތް ﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމަޢުއަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
''އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާ ދޮގު ހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް އިންޝާﷲ ވެގެންދާނެ." ރައީސް ވިދާޅުވެފަވެއެވެ.
މީގެއިތުރުން، އިޙްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއްގެ ގޮތުގައި ސިފަކުރައްވަމުން، އެ މުޑުވަކުން ފަޅައިގެން އަންނަ ގަސްތަކުގެ ހިޔަލަކީ އިންތިހާއަށް ބޭނުންތެރި އެއްޗެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އިޙްތިރާމު ކުރުމަކީ މުޅި ޙަޔާތާ ގުޅިފައިވާ ކަމަކަށްވާއިރު، އަޅުގަނޑުމެންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގައާއި، އޮފީސްތަކާއި މަދަރުސާތަކުގައިވެސް އުފަލަކީ އަދި ހިތްތަކަށް ލިބޭ ތަސައްލީއަކީ އިޙްތިރާމު ކުރުން ކަމުގައި ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، ގޭދޮރުގައާއި ޢާއިލާތަކުގެ ތެރޭގައި އެއްބަނޑުތިމާގެ ކަމާއި ރަޙުމަތްތެރިކަމުގައި އިޙްތިރާމް ދެމެހެއްޓުމަށާއި، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި ޤައުމަށް ލިބިފައިވާ ރީތި ނަމާއި ޤަދަރަށް އިޙްތިރާމްކުރަން ޖެހޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!