ޣައްޒާގައި އިސްރާއީލުން ފަލަސްތީނުގެ އާންމުން ގަސްދުގައި މަރަމުންދާ ނިޒާމީ ގޮތްތައް ފަޅާއަރުވާލައި އުފެއްދި ޑޮކިއުމެންޓްރީ ފިލްމު "ނާޒާ" އަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އެ ފިލްމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިއައިސް ފިޔަވަޅު އަޅަން އަންގަވައިފިއެވެ.

ދެ މަސްދުވަސް ނުވަނީސް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ މި ފިލްމަކީ އެ ގައުމުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އިސްރާއީލުގެ ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ.

Ad
rt

އިސްރާއީލުގެ ދެ ޑައިރެކްޓަރުން ކަމަށްވާ ޔުވާލް އަބްރަހަމް އަދި ރޭޗަލް ޒޯރ އުފައްދާފައިވާ މި ޑޮކިއުމެންޓްރީއަކީ 2026 ވަނަ އަހަރު ސިނަމާތަކުގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެއް އުފެއްދުމެވެ. މި ފިލްމު ޕްރޮޑިއުސްކުރި 'ދަ ގާޑިއަން' އަދި 'ޖޭޑަބްލިއު ފިލްމްސް' އިން އެއްކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި، ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 47 ގައުމަކުން 1،547،033 މީހުން ސިނަމާތަކުގައި މި ފިލްމު ބަލާފައިވެއެވެ. އަދި ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ 13.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ޣައްޒާ ހަނގުރާމަ ކުރިއަށްދިޔަ ދުވަސްވަރު ތެލް އަވީވްގެ އިމާރާތްތަކުގެ ފުރާޅުތައް މަތީގައި ސިއްރިއްޔާތުގައި ރޭގަނޑު މަންޒަރުތައް ނަގާފައިވާ 80 މިނެޓުގެ މި ޑޮކިއުމެންޓްރީގައި، އިސްރާއީލުގެ އަސްކަރީ ޖާސޫސީ އިދާރާގެ އޮފިސަރުންނާއި ސިފައިން އަދި މައުލޫމާތު ފަޅާއަރުވާލި 24 މީހެއްގެ އިންޓަވިއު ހިމަނާފައިވެއެވެ. އަމިއްލަ ސަލާމަތަށްޓަކައި އެ މީހުންގެ މޫނާއި އަޑު ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާއިރު، އެ ސަރަހައްދުތަކުގައި އާންމުން ތިބިކަން އެނގިތިބެ އޭއައި އަދި އޮޓޮމޭޓެޑް ސަވައިލަންސް ނިޒާމުތައް ބޭނުންކޮށްގެން ފަލަސްތީނު މީހުންނަށް އަމާޒުކޮށް ހަމަލާދޭ ގޮތުގެ ތަފުސީލުތައް އެމީހުން ވަނީ ހާމަކޮށްފައެވެ. މި ފިލްމު ބިނާކޮށްފައިވަނީ 2023 އާއި 2025 އާ ދެމެދު '+972 މެގަޒިން'، ހީބްރޫ ބަހުން ނެރޭ 'ލޯކަލް ކޯލް' އަދި 'ދަ ގާޑިއަން' އިން ގެނެސްދިން ތަހުގީގީ ރިޕޯޓުތަކުގެ މައްޗަށެވެ.

ވެނިސް ފިލްމު ފެސްޓިވަލުގައި ސްޕެޝަލް ޖޫރީ ޕްރައިޒް ހޯދައި، ރެކޯޑު އަދަދެއް ކަމަށްވާ 25 މިނެޓުގެ މެދުކެނޑުމެއްނެތް އަތްޖެހުމެއް ލިބުނު މި ފިލްމަކީ ކުރިއަށް އޮތް ޔޫރަޕިއަން ފިލްމު އެވޯޑްސްގެ ބެސްޓް ޔޫރަޕިއަން ޑޮކިއުމެންޓްރީގެ ޝޯޓްލިސްޓުގައި ވެސް ހިމެނިފައިވާ ފިލްމެކެވެ. އިޓަލީގެ ސިނަމާތަކުގައި 'ފެރެންހައިޓް 9/11' އަދި 'ދަ މާޗް އޮފް ދަ ޕެންގުއިންސް' އަށް ފަހު ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ބަޔަކު ބެލި ޑޮކިއުމެންޓްރީއަށް މި ފިލްމު ވެފައިވާއިރު، ފްރާންސްގައި ދެއްކި ދެ ދުވަހުގެ ތެރޭގައި 82،000 އަށް ވުރެ ގިނަ މީހުން ވަނީ ސިނަމާތަކަށް ވަދެފައެވެ. އަދި ޖަރުމަނުގައި ވެސް މިހާތަނަށް 83،355 މީހުން ވަނީ މި ފިލްމު ބަލާފައެވެ.

ފިލްމުގެ ކާމިޔާބީއާ ގުޅިގެން ނަތަންޔާހޫ ވަނީ ޓެލެގްރާމް މެދުވެރިކޮށް ވީޑިއޯއެއް އާންމުކޮށް ފިލްމު އުފެއްދި މީހުންނަށް ވަރަށް ބޮޑަށް ހަމަލާދީފައެވެ. ނަތަންޔާހޫ ބުނީ މިއީ ދުނިޔޭގައި ޔަހޫދީންނާ ދެކޮޅުވެރިކަން އުފެއްދުމަށް ހިންގާ ހަރަކާތްތަކަށް ވާގިވެރިވުން ކަމަށާއި އިސްރާއީލުގެ ދިފާއީ ބާރުތަކަކީ ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި ދައްކައިގެން ވެނިސް ފެސްޓިވަލުގައި ތަރުހީބު ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، އިސްރާއީލުގެ ސަގާފަތާ ބެހޭ ވަޒީރު މިކީ ޒޯހަރް ވަނީ އެ ދެ ޑައިރެކްޓަރުންގެ އިސްރާއީލު ރައްޔިތުކަން ބާތިލުކުރަން ވަގުތުން ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

ނަތަންޔާހޫ ވަނީ މި ފިލްމުގައި އިންޓަވިއު ދިން އަސްކަރީ އޮފިސަރުންނާއި ސިފައިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ފިލްމު އުފެއްދި މީހުންނާ ދެކޮޅަށް ދައުވާކުރުމަށް އެޓާނީ ޖެނެރަލް ގާލީ ބަހަރަވް-މިއާރާ އާއި އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރު އަދި ޝިން ބެތުގެ ވެރިޔާ ޑޭވިޑް ޒިނީއަށް އަމުރުކޮށްފައެވެ. މި އިންޒާރުތަކާ ގުޅިގެން ޔޫރަޕިއަން ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ ޖެނެރަލް ސެކްރެޓަރީ ރިކާޑޯ ގުޓިއަރޭޒް ވިދާޅުވީ، މިއީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ފޮރުވުމަށް އިސްރާއީލުގެ ވެރިކަމުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ހާމަވާ ކަމެއް ކަމަށެވެ. ސިނަމާތަކުގައި ދެއްކުމަށް ފަހު، އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު "ދަ ގާޑިއަން" ވެބްސައިޓް މެދުވެރިކޮށް މުޅި ދުނިޔެއަށް މި ފިލްމު ހިލޭ ދެއްކުމަށް ވަނީ ރާވާފައެވެ.