ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ސެމީ ފައިނަލްގެ ޖާގަ ޓީމް ނޮޅިވަރަމް އަދި ޓީމް ހަނިމާދޫ ޔަގީން ކޮށްފިއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޓީމު ހަނިމާދޫ އަދި ޓީމް ނޮޅިވަރަމް އެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކުރީ ޓީމް ނޮޅިވަރަމް އެވެ. މެޗުގެ 4 ސެޓުވެސް ދިޔައީ ވަރަށް ވަދާވެރިކޮށެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރީ 34-36 އިން ނެވެ. ދެވަނަ ސެޓު 23-25 އިން ޓީމު ނޮޅިވަރަމް އިން ކާމިޔާބުކުރި އިރު މެޗުގެ 3 ވަނަ ސެޓު ޓީމު ހަނިމާދޫއިން ކާމިޔާބު ކުރީ 21-25 އިންނެވެ. މެޗުގެ 4 ވަނަ ސެޓު 22-25 އިން ކާމިޔާބުކޮށް މެޗު ކާމިޔާބު ކުރީ ޓީމު ނޮޅިވަރަމް އިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމު ނޮޅިވަރަމް ގެ އާދަމް ނަސީމް އެވެ.

Ad
rt

މި މުބާރާތުގެ 12 ވަނަ މެޗުގައި ރޭގައި ބައްދަލުކުރީ ޓީމް ފިނޭ އަދި ވައިކަރަދޫ ވިޔެސް އެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-27 އިން ޓީމް ފިނޭ އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ޓީމު ފިނޭއިން ކާމިޔާބު ކުރީ 19-25 އިން ނެވެ. މެޗުގެ 3 ވަނަ ސެޓު ވައިކަރަދޫ ވިޔެސް އިން ކާމިޔާބުކުރީ 20-25 އިން ނެވެ. މެޗުގެ 4 ވަނަ ސެޓު 21-25 އިން ކާމިޔާބުކޮށް މިމެޗު ކާމިޔާބު ކުރީ ޓީމު ފިނޭ އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިނޭ ޓީމުގެ އިސްމާއިލް ޝާޖިދު އެވެ.

މުބާރާތުގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު 12 ޕޮއިންޓާއިއެކު 1 ވަނާގައި އުޅެނީ ޓީމު ނޮޅިވަރަމް އެވެ. 9 ޕޮއިންޓާއިއެކު 2 ވަނާގައި ޓީމު ހަނިމާދޫ އޮތްއިރު ނޮޅިވަރަންފަރު އޮތީ 6 ޕޮއިންޓާއިއެކު 3 ވަނާގައެވެ. މުބާރާތުގެ 4 ވަނާގައި މިވަގުތު 5 ޕޮއިންޓާއިއެކު ޓީމު ކުޅުދުއްފުށި އޮތްއިރު ޓީމު ފިނޭ 5 ވަނާގައި އޮތީ 4 ޕޮއިންޓާއި އެކުއެވެ. މުބާރާތުން ކަޓާފައިވާ ވައިކަރަދޫ ވިޔެސް އަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވެއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓޭބަލްގެ 4 ވަނާގައި އޮތް ޓީމު ކުޅުދުއްފުށި އަދި ޓޭބަލްގެ 2 ވަނާގައި އޮތް ޓީމު ހަނިމާދޫއެވެ. މިއީ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމުވެސް ކުޅޭނެ ފަހު މެޗެވެ. ގްރޫޕް ސްޓޭޖުގައި ޓީމް ފިނޭ ކުޅޭ ފަހު މެޗުގައި މިރޭ ނިކުންނާނީ ވަރުގަދަ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އާއި ދެކޮޅަށެވެ.