ދުނިޔެއަށް އުފަންވުމަށްފަހު ތުއްތު ކުއްޖާއަށް އެންމެ މުހިންމީ މައިމީހާގެ ގާތުން ދޭކިރުކަން މިއީ އެންމެން ދަންނަ ޙަޤީޤަތަކަށް ނޫނީ ނުވާނެއެވެ. ޤުދުރަތީގޮތުން މައިމީހާގެ ހަށިގަނޑުގައި އަށަގަންނަ މި ނިޒާމަކީ، އެ ތުއްތު ދަރިފުޅަށްޓަކައި ޚާއްސަ ކޮށްފައިވާ، އެދަރިފުޅު ދުނިޔޭގައި ހޭދަކުރާ ފުރަތަމަ މަސްތަކުގައި ބޭނުންވާ ހުރިހާ މާއްދާއެއް އެކުލެވޭނޭހެން ފަރުމާކޮށްފައިވާ ނިޒާމެކެެވެ.
މި ޤުދުރަތީ ބުއިމުގެ ސަޕްލައި ހަށިގަނޑުގައި އިތުރުކުރުމަށްޓަކައި، ނުވަތަ އެކަށީގެންވާ ވަރަށް ކިރު ހުންނަ މައިންނަށްވެސް ރަނގަޅު ކެއުމުގެ ވައްޓަފާޅިއެއްގެ ބޭނުންހިފުމަކީ، ވަރަށް މުހިންމު ކަމެވެ. ސަބަބަކީ، ގާތުން ދިނުމަކީ މައިމީހާގެ ހަށިގަނޑުގައި އެތަކެއް ހަކަތައަކާއި ކެލަރީސް އަނދާ ކަމަކަށް ވެގެންދާތީއެވެ.
އެގޮތުން، ކޮންމެ ފީޑިންގް ސެޝަނަކަށްފަހު މައިމީހާގެ ހަށިގަނޑުން މަދުވެގެން 500 ކެލަރީސް އަންދާކަމަށްވެއެވެ. މިއީ އެވްރެޖް މީހަކު 30 މިނިޓް ހުއްޓާނުލައި ޖޮގިން ކޮށްލުމުން އަނދާހާ ކެލަރީސް އާއި ދާދި ގާތް ޢަދަދެކެވެ. އަލަށް އުފަންވާ ދަރިއަކަށް ދުވާލަކު 12 ފަހަރުވަރު ގާތުން ދޭނަމަ، ކިހާ ކެލަރީސްއެއް އަނދާލާނެތާއެވެ.
ރަނގަޅު އޮއްޓަރު ހުންނަ ކެއުމުގެ ނިޒާމެއް ނުގެންގުޅޭނަމަ، މައިމީހާގެ ހަށިގަނޑުގައި އުފެދޭ ކިރުގެ ކޮލިޓީ ދައްވެ، ކުޑަ ދަރިފުޅަށް ބޭނުންވާ ހުރިހާ މާއްދާއެއް ނުލިބުމަކީ އެކަށީގެންވާކަމެކެވެ. ސަބަބަކީ، ވިއްކަން ހުންނަ ފޯމިއުލާއާއި އަޅާބަލާއިރު، ގާތުންދޭ ކިރަކީ ކޮންމެ ފަހަރަކުހެން އެ ދަރިފުޅުގެ ޚާއްސަ ބޭނުންތަކަށްޓަކައި އޭގައިވާ މާއްދާތަކަށް ބަދަލު އަންނަ އެއްޗަކަށްވާތީއެވެ.
މިސާލަކަށް އެކޮއި ބަލިވެއްޖެނަމަ، މައިމީހާގެ ކިރުގައި އެބައްޔަށް ބޭނުންވާ ފަރުވާވެސް ހިމެނޭކަމަށް ބައެއް ދިރާސާތަކުން ދައްކުވައިދެއެވެ. އެހެންކަމުން، ދިވެހި މައިންގެ ސުފުރާ މައްޗަށް ގެނެސްލެވިދާނެ ދެތިން ކެއުމަކަށް ނަޒަރުހިންގާލަމާތޯއެވެ.
އަޅުގަނޑުމެން ދިވެހިންނަކީ، ގިނަ ކެއުންތަކުގައި ކަނޑުމަސް އެކުލަވާލާ ބައެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއީ މުޅިއެކުން ރަގަޅު ކަމެއްނޫން ކަމަށް ގިނަ ޑޮކްޓަރުންނާއި ރިސާޗަރުން އިއްތިފާގުވެލައްވައެވެ. ކަޅުބިލަމަހާއި، ކަންނެލި މަހަކީ އޭގައި މާކިއުރީ ލެވެލްސް ވަރަށް މަތީ އެއްޗަކަށްވެފައި، ކުޑަ މިންވަރަކުންވެސް އޭގެ އަސަރު ގާތުންދޭ ކިރަށް ކޮށްލާނޭ އެއްޗަކަށްވާތީ، ކިރުމައިންނާއި އަދި މާބަނޑުމީހުންނަށްވެސް މިފަދަ މަސްތަށް ރަނގަޅު ނޫންކަމަށް ގިނަ ދިރާސާތަކުން ރަޢުޔުނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.
މިފަދަ މަހުގެ ބަދަލުގައި، ފަރުމަސް އިޚްތިޔާރުކުރެވިދާނެއެވެ. ފަރުމަހަކީ ޕްރޮޓީން ގިނަ ޢަދަދަކަށް ހުންނަ، ވިޓަމިނާއި މިނަރަލްސް އަދި އޮމެގާ 3 އެސިޑްސް އެކުލެވިގެންވާ މަސްތަކަކަށްވުމުން ތުއްތު ދަރިފުޅުގެ ސިކުނޑިއާއި ނާރުގެ ނިޒާމްގެ ދުޅަހެޔޮކަމަށް ވަރަށް މުހިން އެއްޗަކަށް ވެގެންދެއެވެ. ފަރުމަސް ނުބައިނަމަ، ކުކުޅު، ގެރިމަސް ފަދަ އެއްގަމުމަސް ވެސް އިޚްތިޔާރު ކުރެވިދާނެއެވެ. މުހިންމީ ޕްރޮޓީން ގިނައިން އެކުލެވޭ އެއްޗެހި ސުފުރާއަށް ގިނައިން އެރުވުމެވެ. ކިރުމައިންނަށް ދުވާލަކަށް އިތުރު 25ގްރާމް ޕްރޮޓީން ބޭނުންވާނެ ކަމަށް ޑޮކްޓަރުން އިލްތިމާސް ކުރެއެވެ.
ވިހައިގެން ގަދަވާ ދުވަސްވަރު، އަމިއްލަ މީހާ ފެނިފައި ދެރަވާތަން ބައެއްފަހަރު އާދެއެވެ. ފަލަހެން ހީވެ އެލޮކިމަސްތަށް އަވަހަކަށް ދާނެބާއޭ ސުވާލުއުފެދުނު ނަމަވެސް، ފެޓްސް ހިމެނޭ ކެއުންތަށް ދޫކޮށްނުލާށެވެ. ހަށިގަނޑަށް ނުރަނގަޅު އެލް.ޑީ.އެލް. ކޮލެސްޓްރޯލް ހިމެނޭ ކެއުންތަށް ދޫކޮށްލައި، މައިމީހާގެ ހަށިގަނޑަށާއި ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށްޓަކައި، އަދި ގާތުންދޭ ކިރުގެ ކޮލިޓީ މަތިކުރުމަށްޓަކައި، އެޗް.ޑީ.އެލް ކޮލެސްޓްރޯލް ހިމެނޭ ކާނާ މޭޒުމައްޗަށް ގިނައިން ގެނައުން މުހިންމެވެ. އޭގެ ތެރޭގައި، އެވެކާޑޯ، ޒައިތޫނި ތެޔޮ، ބިސް، ކާށި، ޔޯގަޓް އަދި ޗީޒް ހިމެނެއެވެ. ފިޒީ ބުއިންތަކާއި އެއްކޮށް ދުރުވެ، ކާހިތްވާ ފޮނި ކާތަކެތިވެސް ކޮންޓްރޯލްކޮށްލުން ބުއްދިވެރިކަމަށް ފެނެއެވެ.
ދުވަހުގެ ކެއުންތަކަށް އަދިވެސް އިތުރު ކޮށްލެވޭތަކެތީގެ ތެރޭގައި، އެކި ބާވަތްބާވަތުގެ ބަދަން، ކަދުރު، އެކި ވައްތަރުގެ ފަތްޕިލާވެލި، ކައްޓަލަ، މުގު، އެކި ވައްތަރުގެ މޭވާއާއި ތަރުކާރީ އަދި ޑާކް ޗޮކްލެޓް ހިމެނެއެވެ. ދެން އުފެދޭ ސުވާލަކީ، މިބާވަތްތަށް ކެއުމުގައި ހިމަނާނީ ކިހިނެތްތޯއެވެ. އާދެ، ދުޅަހެޔޮ ކެއުމުގެ ނިޒާމެއް އެކުލަވާލުމަކީ، ހީކުރާހާ އުނދަގޫ ކަމެއްނޫނެވެ. ދުވާލު 3 އިރު ރަނގަޅަށް ކާންވާނެއެވެ. އަދި އިތުރު ލުއި ކެއުމެއްވެސް ނެގުން މުހިންމެވެ.
ހެނދުނު ހެނދުނާ ބޯވެލިފަތް ނުވަތަ މުރަނގަފަތް އަޅާފައި، ކޮންމެވެސްވަރަކަށް ތަރުކާރީ ހިމެނޭގޮތަށް ބިސްގަނޑަކާއި ބްރައުން ބްރެޑްގެ ދެފޮތިވަރު އިޚްތިޔާރުކޮށްލެވިދާނެއެވެ. ކޮފީގެ ބަދަލުގައި ބޮޑު ކިރުތައްޓެއް ބޯލުން މުހިންމެވެ. މައިމީހާގެ ގާތުންދޭ ކިރު އިތުރުކުރުމަށްޓަކައި ކެލްސިޔަމްއަކީ ވަރަށް ބޮޑު ރޯލެއް އަދާކުރާއެއްޗެއްކަން ފާހަގަކޮށްލެވެއެވެ.
ދެން ކޮންމެ ފީޑިން ސެޝަނަކަށްފަހު ބޮޑު ފެންތައްޓެއް ނުވަތަ ވިޓަމިން ސީ އެކުލެވޭ (އޮރެންޖް، ލުނބޯ ފަދަ) ޖޫސްތައްޓެއް ބޯލުން މުހިންމެވެ. ސަބަބކީ، ގާތުންދޭކިރުގައި މައިގަނޑުކޮށް ހިމެނޭ އެއްޗަކީ ފެން ކަމުގައި ވާތީ، ވަރަށްފަސޭހައިން މައިމީހާގެ ހަށިގަނޑުން ފެނުގެ މިންވަރު މަދުކޮށްލައި ޑީހައިޑްރޭޓް ކޮށްލާނެތީއެވެ. ފެންފުޅިއެއް އަބަދުވެސް ކައިރީގައި ބެހެއްޓުން ބުއްދިވެރިއެވެ. އެއީ ތިބާގެ އެންމެ ގާތް އެކުވެރިޔާއަށް ހަދާލަންވާނެއެވެ.
މެންދުރު ކެއުމަށް، ރަތް ހަނޑުލުގެ ބަތާއި ގަރުދިޔަވެސް ކާންވީއެވެ. މުށިމަސް ފަދަ އެއްޗެއް މަހުގެ ގޮތުގައި އިޚްތިޔާރުކޮށްލެވިދާނެއެވެ. ސަގާފީ ކެއުމަކުން ބޭރުވާން ބޭނުންނަމަ، ރޯސްޓް ކޮށްފައިވާ ތަރުކާރީ (ކައްޓަލަ، ބަރަބޯ ހިމެނޭގޮތަށް) އާއި މޭޝްޑް އަލުވި އަދި ފަރުމަހެއް ފިހެލައިގެންވެސް ކެވިދާނެއެވެ. އާދައިގެ ކެއުމަކަށް މުގުރިހައާއި ރޮށިންވެސް ފުދޭނެއެވެ. ކުކުޅުވެސް ލިބޭމިންވަރަކުން ގޮތްގޮތަށްް ހަދަންވީއެވެ. މުހިންމީ ކަނޑުމަހާއި ދުރުވެލުމެވެ.
ރޭގަނޑު އެންމެފަހުކަމަކަށް އަނެއްކާވެސް ރަނގަޅު ސައިޒްގެ ކިރުތައްޓެއް ބޯލުން މުހިންމެވެ. ކިރު ނުބައި ކަނބަލުންނަށް ދޭން އޮތް ޕާސަނަލް ޓިޕަކީ، ފުލް ކްރީމް މިލްކް ޕެކެޓަކުން ތައްޓަކަށް ކިރުއަޅައި ރަހަލާވަރަށް މާމުއި ގިރާލައިގެން ބޯލުން، ހަމަ ވަރަށް ތަފާތު ބުއިމަކަށްވެގެންދެއެވެ.
ހުރިހާ މައިންނަށްވެސް ބުނެލަން ބޭނުންވާ ފަހު ބަސްކޮޅަކީ، ތިކުރާ ހިތްވަރަށް ސާބަހެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. ނުގުޑާފަދަ އަޒުމަކާއި ޖޯށެވެ. އެތުއްތު ދަރިފުޅަށްޓަކައެވެ.
މައުލޫމާތު ނަކަލު ކޮށްފައިވަނީ: ހެލްތްލައިން.ކޮމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!